Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އަލަމްގީރްގެ ވީޑިއޯ ރެކޯޑްކުރީ ސިޔާސީ ބަޔަކު: މާނިއު

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކަކީ އެ އެއްޗެހި ރެކޯޑްކުރުމުގެ އަޑީގައި ސިޔާސީ ބަޔަކު ތިބެގެން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ކުރީގެ ރައީސް ޔޫސުފް މާނިއު ވިދާޅުވެއްޖެ އެވެ.

އަލަމްގީރް، 25، ހައްޔަރުކޮށް ފުލުހުން މިހާރު އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، މާނިއު އާންމުކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ބަޔަކު އަޑީގައި ތިބެގެން ރެކޯޑްކޮށް އާންމުކުރި ވީޑިއޯތަކުގެ ސަބަބުން އެތައް އާއިލާއެއް "ހަލާކުކޮށްލާފައިވާ" ކަމަށާއި އެ އާއިލާތަކާ މެދު ހަމްދަރުދީވާ ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކެއް ފެންމަތިވެ، އެކަމާ ކަންބޮޑުވުން ފާޅުކޮށް މާނިއު ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދަކަށް "ގޭ" ނުވަތަ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން އުޅޭ ކަމަށެވެ. އަދި އެފަދަ ގިނަ މީހުން ކައިވެނިކޮށްގެން އުޅުނަސް އެކަމަކީ އެހެން މީހުންގެ "ލޮލުގައި އަނދުން އަޅުވަން" ނަމަކަށް ކޮށްގެން އުޅޭ ކައިވެނިތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެފަދަ ފިރިހެނުން އަނބިން ދެކެނީ ދަރިން ހޯދަން ގެންގުޅޭ މެޝިންތަކެއްގެ ގޮތުގައި. ގޭ ފިރިހެންގެ ތެރެއިން ކައިވެނިކޮށްގެން އުޅޭ ގިނަ މީހުންނަކީ އެ މީހުންގެ އަސްލު ސޫރަ ފޮރުވަން ކައިވެނިކޮށްގެން އުޅޭ ބައެއް،" މާނިއު ވިދާޅުވި އެވެ. "އެއީ އަނބިންނަށް އެއްވެސް ލޯތްބެއް ނެތް ކައިވެނިތަކެއް. އެފަދަ އަނބިންނަކީ ފިރިންގެ ފަރާތުން ލިބެން ޖެހޭ ފުރިހަމަ އަޅާލުން ވެސް ނުލިބޭ އަނބިންތަކެއް."

އޭނާ ވިދާޅުވި މިކަހަލަ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެކުވެރި އަންހެނުންނަށް ވެސް މިހާރު ދެއްވަމުން ގެންދަވާ ނަސޭހަތަކީ ކައިވެނިކުރަން އަވަސްނުގަތުމެވެ.

މާނިއު ވިދާޅުވި ގޮތުގައި އަލަމްގީރްގެ ކޭހާ އެކީ ރާއްޖޭގައި އުފެދިފައިވާ ނުތަނަސްކަމާ އެކީ ގަބޫލުކުރެވޭ ހަގީގަތަކީ "އެ ކުޅިގަނޑު" ގޮސްފައިވާ ގޮތަށް ބަލާ އިރު ހަމައެކަނި ސީދާ މިކަމަކީ އަލަމްގީރް އެކަނި ހިންގާފައިވާ ކަމެއް ނޫން ކަމެވެ. އަދި ވީޑިއޯތައް ރެކޯޑްކުރުމުގައި ސިޔާސީ ބައެއްގެ އަތެއްވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ ވީޑިއޯތައް ރެކޯޑްކުރީ އަލަމްގީރް އަމިއްލަ އަށް ކަމަށް އެއްބަސްކުރުވީ އޭނަ ޑިޕޯޓްކޮށްދޭނެ ކަމަށް ބުނެ މަޖުބޫރުކޮށްގެން ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ،" މާނިއު ވިދާޅުވި އެވެ. "މިއީ މިގޮތަށް އާންމުވި ފުރަތަމަ ކޭހަށް ވިޔަސް މި ކަހަލަ ކިތަންމެ ކޭހެއް އަޅުގަނޑު ދެކެފިން."

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާ އެކީ އެއްޖިންސުން ގުޅުން ހިންގައި، އެ މީހުންގެ ވީޑިއޯތައް ރެކޯޑްކޮށް އަދި އެ އެއްޗެހި ބޭނުންކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ އަށް ޑީމާންޑްކޮށް ބަޔަކު ބްލެކްމެއިލްކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި އަލަމްގީރް ހައްޔަރުކުރީ މިދިޔަ މަހުގެ 12 ގަ އެވެ. އަދި އޭނާއާ އެކީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ވެސް ކުރި އެވެ.

އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު އެވެ. އެ ތިން މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވާފާ އިރު، އެ މީހުން މިހާރު ތިބީ ދޫކޮށްލައިފަ އެވެ.

އަލަމްގީރާ އެކީ ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވި އެކި ފޔަވަޅުތައް އެޅި މީހުންގެ ތެރޭގައި ހޯމް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހާއި ކަސްޓަމްސް އާއި ސިފައިންނާއި ފުލުހުންނާއި ޓީޗަރުންނާއި މުދިމަކު ވެސް ހިމެނެ އެވެ.

ކުރިން އަޑުއަރާފައިވާ ގޮތުން އަލަމްގީރާ އެކީ ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ. ނަމަވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ މިހާތަނަށް ތަހުގީގަށް ފާހަގަވީ 38 މީހަކު ކަމަށެވެ.