މިހާރު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ކޮންގްރެސްގައި އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން އިސްތިހާރު ނުކުރުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ އަސާސީ ގަވައިދަށް ހުށަހެޅިފައިހުރި އިސްލާހުތަކަށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެ އިސްލާހުތަކަށް ފުރިހަމައަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އަދި އެމަނިކުފާނުވަނީ އެމްޑީޕީ ގައި، ޕޮލިސީތަކާ ގުޅޭގޮތުން އިލްމީ ދިރާސާތައް ކުރުމަށް ތިންކް ޓޭންކްއެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން އެ ވަގުތުގައި ވާހަކަ ދައްކަވަން ލިބުނު ފުރުސަތުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ ވަޒީރުން ޕްރޮމޯޓް ނުކުރުމަށް އެދިވަޑައިގެންފައެވެ.
"މިކޮންގްރެސްގައި ރަނގަޅީ އެހެން ޕާޓީތަކުގެ ވަޒީރުން އިސްތިހާރު ނުކުރެއްވިއްޔާ. މިއީ އެމްޑީޕީގެ ކޮންގްރެސް. މިއީ ވާދަވެރި ސިޔާސީ ޕާޓިއެއް. އަޅުގަނޑުމެނެއް ބޭނުމެއް ނޫން މިތަނުގައި އެހެން ޕާޓީތަކުގެ ފަލްސަފާއެއްވެސް، ވަޒީރުނެއްވެސް، އަދި އެގޮތަށް މި ރާއްޖޭގެ ކަންތައްތައް ހިނގާކަށްވެސް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދާ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި މައިގަނޑު ތިން ކަމެއް ނިންމަން ވަނީ ހަމަޖެހިފައިވެ އެވެ. އެއީ ޕާޓީގެ ގަވާއިދަށް ގެންނަ ބަދަލުތައް ފާސްކުރުމާއި ޤާނޫނުއަސާސީ އަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމާއި ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ކޮންގްރެސް އަށް ހުށަހަޅައި މަޝްވަރާކުރުމެވެ.