ޖިބްރާލްޓާ އިން ހިފަހައްޓާފައިވާ ރަޝިއާގެ މަހުޖަނެއްގެ ޔޮޓެއް ނީލަމެއްގައި ވިއްކައިލަން ނިންމައިފި އެވެ.
އަންގާރަ ދުވަހު ބާއްވާ ނީލަމުގައި ވިއްކައިލަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި ޖިބްރާލްޓާ އިން ހިފަހެއްޓި
ރަޝިއާގެ މަހުޖަނު ޑިމިޓްރިވީޗް ޕަމްޕިއަންސްގެ "އެޒިއޯމާ" ޔޮޓެވެ. އަގު 75 މިލިއަން ޑޮލަރަށް އަރާ މި ލަގްޒަރީ ޔޮޓް އެއް ދުވަހަށް ކުރިއަށް ގެންދާ ނީލަމުގައި ވިއްކައިލަން ނިންމި އިރު، އެމެރިކާގެ ޖޭޕީ މޯގަން ބޭންކުން ބުނެފައިވާ ގޮތުގައި ޔޮޓްގެ ވެރިޔާ އޮތީ އެ ބޭންކުން ނެގި 20 މިލިން ޑޮލަރު ލޯނެއް ވެސް ނުދައްކަ އެވެ.
"އެޒިއޯމާ" އަކީ ބޮޑުމިނުގައި 72.5 މީޓަރު ހުންނަ ޔޮޓެކެވެ. މިއީ 12 މީހުންގެ ޖާގައިގެ ހަ ކެބިން އާއި ޖުމްލަ 20 ކްރޫ ގެ ޖާގަ އެކުލެވޭ އަދި ޕޫލަކާއި ޖަކޫޒީ އާއި 3ޑީ ސިނަމާއަކާ އެކު ޖެޓްސްކީ އާއި ސްކޫބާ ޑައިވިން ވަސީލަތްތައް ވެސް އެކުލެވޭ އެއްޗެކެވެ.
މި ޔޮޓް ޖިބްރާލްޓާ އިން މާޗް މަހުގެ ތެރޭގައި ހިފަހެއްޓީ ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އެކި ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅަން ފެށި ފިޔަވަޅުތަކާ އެކީގަ އެވެ. އެގޮތުން "އެޒިއޯމާ" އަކީ ގައުމަކުން އެންމެ ފުރަތަމަ ހިފަހެއްޓި ރަޝިއާގެ މަހުޖަނުންގެ ޔޮޓްތަކުގެ ތެރެއިން އެކައްޗެވެ.
އެމެރިކާ އާއި އިޓަލީ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ވެސް ރަޝިއާގެ ޔޮޓްތަކާއި ޕްރައިވެޓް ޖެޓްތަކެއް ހިފައްޓާފައިވެ އެވެ.
އަންގާރަ ދުވަހު ޖިބްރާލްޓާގެ އެޑްމިރަލްޓީ ކޯޓްގައި "އެޒިއޯމާ" ވިއްކައިލަން ބާއްވާ ނީލަމަށް ފަހު، އެއިން ލިބޭ ފައިސާ އޭގެ ވެރިޔާ، ޖޭޕީން މޯގަން އިން ނަގާފައިވާ ލޯނަށް ދައްކާނެ އެވެ. އެކަމަކު ބައެއް ފަރާތްތަކުން ވަނީ ނީލަމުން ލިބޭ ފައިސާ ޔުކްރޭންގެ ރެފިއުޖީންނަށް ހޭދަކުރަން ގޮވާލައިފަ އެވެ.
ޑިމިޓްރިވީޗްގެ އަގު ބޮޑު ޔޮޓް ވިއްކައިލާ އިރު އޭނަ އަކީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އީޔޫގެ ގައުމުތަކުން ބްލެކްލިސްޓްކޮށްފައިވާ މީހެކެވެ. ޑިމިޓްރިވީޗް، 58، ގެ މިލްކިއްޔާތު 2.3 ބިލިއަން ޑޮލަރަށް އަރަ އެވެ.