އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖޭގެ ތަރައްގީ އަށް އެއްވެސް ކަމެއް ނުކުރެވި، އެމްޑީޕީ ވާނީ އޮރިޔާން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގެ ދަންފަޅިއެއްގައި އިއްޔެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ފްލެޓް މަޝްރޫއުތަކާ ބެހޭ ގޮތުން ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން ބައެއް މީޑިއާތަކުން ގެނެސްދިން ޚަބަރުތަކުގެ ސްކްރީންޝޮޓްތަކަކާ އެކީ ޖަމީލު މިއަދު ޓްވިޓާގައި ވިދާޅުވީ އެމްޑީޕީ އަކީ ކަމެއް ނުވާ ތާނގާގައި ކަންކަން ކުރާ ކަމަށް ދައުވާކުރާ ޕާޓީއެއް ކަމަށެވެ.
އަދި އެހެން ވަނީ ކަމެއް ނުވެ އަނގަވަތަށް ވެއްޓި ފުޅެމުން އުޅުމުން ކަމަށް ވިދާޅުވި އެވެ.
އެންމެ ފްލެޓެއްވެސް ތިމަންނާމެންނަށް ނުނިންމޭނެ ކަމަށް އަމިއްލައަށް ވިދާޅުނުވަންތޯ؟ ޤައުމީ ސަލާމް، ދިވެހި ދިދަ، މުލިއާގެ، ހުޅުމާލެ ބްރިޖުވެސް ތިމަންނާމެން ހެދި އެއްޗެހިކަމަށް އެމްޑީޕީން ދަޢުވާކުރާނެ. އެއް ކަމެއް ނުވެ، އަނގަވަތަށް ވެއްޓުމުން ފުމެން އުޅުމުން އޮރިޔާންވާނީ. pic.twitter.com/COR8JmDQ9w
— Mohamed Jameel Ahmed (@MJameelAhmed) August 21, 2022
"ގައުމީ ސަލާމް، ދިވެހި ދިދަ، މުލިއާގެ، ހުޅުމާލެ ބްރިޖު ވެސް ތިމަންނާމެން ހެދި އެއްޗެހި ކަމަށް އެމްޑީޕީން ދަޢުވާކުރާނެ،" ޖަމީލު ވިދާޅުވި އެވެ. "އެއް ކަމެއް ނުވެ، އަނގަވަތަށް ވެއްޓުމުން ފުމެން އުޅުމުން އޮރިޔާން ވާނީ."
އެމްޑީޕީއަށާއި ރައީސް ސޯލިހަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޖަމީލު އިއްޔެ، ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލުކުކުރަން ހުކުރު ދުވަހުގެ ރޭ ބޭއްވި "ހަވާލާ ވަތަން" ގައި ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ ޔާމީންގެ ވާހަކަތަކުން އުންމީދު އާވެއްޖެ ކަމަށާއި ގައުމުގެ ޙާލަތު ބަދަލުކޮށްލެވޭނެ ހަމައެކަނި ލީޑަރަކީ ވެސް އެއީ ކަމަށެވެ.
"އެމަނިކުފާނު އެކަން ސާބިތުކޮށްދެއްވައިފި. އެމްޑީޕީއަށް ހުރިހާ ބާރެއް ލިބި، ފެއިލްވެއްޖެ. ޒުވާން ޖީލަށް އަދި މުޅި ގައުމަށް އުޖާލާ ރާސްތާއަކަށް ދެހާސް ތޭވީހުގައި ރައީސް ޔާމީން." ޖަމީލު ވިދާޅުވި އެވެ.