Last Updated: February 4, 06:45
Saturday, February 4, 2023
ޚަބަރު އެމްޑީޕީ

ކޮންގްރެސްގައި ތިބީ އުސޫލަށް ފެތޭ ގޮފިތަކުގެ ރައީސުން: ނިހާދު

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ކޮންގްރެސްގައި ތިބީ ޕާޓީގެ އުސޫލުތަކާ އެއްގޮތަށް ހެދިފައިވާ ގޮފިތަކުގެ ރައީސުން ކަމަށް ވިދާޅުވެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝީފާޒުއަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި މިއަދު ގޮފީގެ ރައީސުންނާ ގުޅޭގޮތުން ދެކެވުނު ވާހަކައާއެކު ކޮންގްރެސް ކޮންމެވެސް ވަރަކަށް ހޫނުވެގެން ދިޔައެވެ.

އެކަމާ ގުޅިގެން ނިހާދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވެފައިވާ ގޮފި ރައީސުންނަކީ ވަގަށް ވައްދާފައިވާ ބައެއްކަމަށް ބުނެ އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ދެއްކެވި ވާހަކަ ހަރު އަޑުން ކުށްވެރި ކުރާކަމަށެވެ.

ނިހާދު ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވެފައިވާ ގޮފިތަކުގެ ރައީސުންނަކީ އުސޫލާ އެއްގޮތަށް ހެދިފައިވާ ގޮފިތަކުގެ ރައީސުންކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އެމްޑީޕީ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީގަވައިދަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރިއިރު، އެމްޑީޕީގެ ނައިބު ރައިސް މުހައްމަދު ޝިފާޒު ވަނީ މިހާރު ކުރިއަށްދާ ކޮންގްރެސްއަށް ގޮފިތަކުން ވަޑައިގެންތިއްބެވި ބޭފުޅުން ވަޑައިގެން ތިއްބެވީ ގޮފީ ގަވައިދާ އެއްގޮތަށްތޯ އަމިއްލަ ނަފުސާ ސުވާލު ކުރުމަށް އެދިވަޑައިގަތެވެ.

ޝިފާޒް މިފަދައިން ވިދާޅުވީ އަސާސީގަވައިދަށް ހުށަހަޅާފައިވާ އިސްލާހުގައި ގޮފިތަކުގެ ރައީސުންގެ ބަދަލުގައި ދާއިރާތަކުގެ މެދުގައި ކޮންގްރެސްމަނެއް އިންތިހާބުކޮށްގެން ބައިވެރިވެވޭގޮތަށް އިސްލާހު ހުށަހަޅާފައިއޮތުމުންނެވެ. އަދި އެ އިސްލާހާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ އިސްލާހު އެގޮތަށް ހުށަހަޅާފައިވަނީ ގޮފިތައް ރަނގަަޅަށް ހިނގަމުން ނުދާތީ ކަމަށެވެ. އަދި ކޮންގްރެސްއާ ގާތްވުމުން ގޮފިތައް އުފައްދާކަން ފާހަގަކުރެއްވިއެވެ.