ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ހިދުމަތުގެ އިނާޔަތް ކަނޑާލުމަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ފަރާތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.
ބިލު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ދައުލަތަށް އެތަކެއް އަހަރު ހިދުމަތް ކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތްތަކެއް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރާ މީހަކަށް ދިނުމަކީ އިންސާފުވެރިކަމަކަށް ނުވާތީ ކަމަށެވެ.
އުޝާމް ސްޕޮންސަރ ކުރައްވާފައިވާ އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 8 ވަނަ މާއްދާ އުނިކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް އިނާޔަތުގެ ގޮތުގައި މެންބަރެއްގެ މުސާރައިގެ 30 އިންސައްތަ ދައުލަތުން ދޭންޖެހެއެވެ. އަދި ދެ ދައުރު ކޮށްފައިވާ މީހަކަށް މެންބަރެއްގެ މުސާރައިގެ 45 އިންސައްތަ ދައުލަތުން ދޭންޖެހެއެވެ. ޤާނޫނުގައިވާ ގޮތުން އެ އިނާޔަތް ލިބޭނީ އެ މެންބަރަކު މަޖިލީހުން ވަކިވުމަށްފަހު އަދި އެ މެންބަރެއްގެ އުމުރުން 55 އަހަރު ފުރުމަށްފަހުއެވެ.
ޤާނޫނުގެ ދަށުން މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަފަދަ ހެލްތް އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންޖެހެއެވެ. އަދި މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އޮފިޝަލް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވެސްޖެހެއެވެ.