Last Updated: July 23, 17:52
Thursday, July 23, 2026
ދުނިޔެ

އިމްރާނަށް ދައުވާކޮށްފި

މި އަހަރުގެ ކުރީކޮޅު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ބޭރުކޮށްފައިވާ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ދައުވާކޮށްފި އެވެ.

ޓެރަރިޒަމާ ދެކޮޅު ގާނޫނުގެ ދަށުން ފުލުހުން އޭނަގެ މައްޗަށް ދައުވާކުރީ އަރިސް ބޭފުޅަކު ފުލުހުންނާއި ޖުޑިޝަރީގެ ނުފޫޒުން ހައްޔަރުކޮށް، ނުހައްގުން ބޮޑެތި އަނިޔާތަކެއް ދިން ކަމަށް ވިދާޅުވެ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރެލީއެއްގެ ތެރޭގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރި އިރު، ހައްޔަރު ވެސް ކޮށްފާނެ ކަމަށް ބެލެވޭތީ އިމްރާންގެ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް އޭނަގެ ގެ ކައިރި ޖަމާވެ، އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އިމްރާން ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި އޭނަގެ ޕާޓީގެ ވަރަށް އަރިސް ބޭފުޅަކު ހައްޔަރުކޮށް، އަނިޔާކުރުމުގެ ފަހަތުގައި ތިބީ އިސްލާމް އާބާދުގެ ފުލުހުންގެ ވެރިޔާ އާއި އަންހެން ފަނޑިޔާރެކެވެ. އެހެންވެ ނުހައްދުން ދޭ އަދަބު އެނބުރި އެބަޔަކާ ދިމާއަށް ވެސް އަންނާނެ ކަމަށާއި އެހެންވެ އއެ ބޭފުޅުން ވެސް އަދަބާ ކުރިމަތިލާން ތައްޔާރަށް ތިއްބެވުމަށް ގޮވާލައްވާފައިވެ އެވެ.

އެޕްރީލް މަހު މަގާމުން ވަކިކުރި ފަހުން އިމްރާން ގެންދަވަނީ ޕާކިސްތާންގެ ސަރުކާރާއި އަސްކަރިއްޔާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަޝްހޫރުވި އިމްރާން، 69، ޕާކިސްތާންގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތީ އޮގަސްޓް 18، 2018 ގަ އެވެ. އަދި އޭނާ މަގާމުން ދުރުކުރީ މި އަހަރުގެ އެޕްރީލް މަހުގެ 10 ގަ އެވެ.

ޕާކިސްތާންގެ މިހާރުގެ ބޮޑުވަޒީރަކީ ޝެހްބާޒް ޝަރީފް، 70، އެވެ. އޭނަ އަކީ ކުރިން ބޮޑުވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފް، 72، ގެ ކޮއްކޯފުޅެވެ.