ލިވާތުކުރި މައްސަލައާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުނެފި އެވެ.
އެތަނުން ބުނީ ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ދައުވާކުރަން ފޮނުވި ހަތަރު މީހުންނަކީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އާއި އޭނާއާ ގުޅުން ހިންގި ތިން މީހެކެވެ.
އެއީ މައްސަލާގައި ހައްޔަރުކޮށް ފަހުން ދޫކޮށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު އެވެ.
އަލަމްގީރުގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާ، އިރު އަނެއް ތިން މީހުންގެ ތެރެއިން ކޮންމެ މީހަކަށް ކުރަނީ އެންމެ ދައުވާއެކެވެ.
އަލަމްގީރާ އެކީ ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވި އެކި ފޔަވަޅުތައް އެޅި މީހުންގެ ތެރޭގައި ހޯމް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހާއި ކަސްޓަމްސް އާއި ސިފައިންނާއި ފުލުހުންނާއި ޓީޗަރުންނާއި މުދިމަކު ވެސް ހިމެނެ އެވެ.
ކުރިން އަޑުއަރާފައިވާ ގޮތުން އަލަމްގީރާ އެކީ ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ. ނަމަވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ މިހާތަނަށް ތަހުގީގަށް ފާހަގަވީ 38 މީހަކު ކަމަށެވެ.
ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާ އެކީ އެއްޖިންސުން ގުޅުން ހިންގައި، އެ މީހުންގެ ވީޑިއޯތައް ރެކޯޑްކޮށް އަދި އެ އެއްޗެހި ބޭނުންކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ އަށް ޑީމާންޑްކޮށް ބަޔަކު ބްލެކްމެއިލްކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި އަލަމްގީރް ހައްޔަރުކުރީ މިދިޔަ މަހުގެ 12 ގަ އެވެ.