ޖުމްހުރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހަށް މިއަދު ހުޅުމާލޭގައި ކަޓަރަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ހުންނެވި އަދި އައްޑޫ ހިތަދު އަށް ނިސްބަތްވާ އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާ ދިނީ ސައިކަލަކުން ދިޔަ މީހަކު ހުޅުމާލޭގެ ނިރޮޅުމަގު ސޮނީ ހާޑްވެއާ ކައިރިން ކަޓަރަކުންނެވެ.
އެނގިފައިވާ ގޮތުގައި ހަމަލާ ދިނީ ދާދި ފަހުން މާލޭގެ ސަލްމާން މިސްކިތަށް ހުކުރު ދުވަހެއްގައި ވަދެ، މިންބަރަށް އަރައި ހަޅޭއްލެވި މީހާ އެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކޮށް ފަހުން ދޫކުރީ ސިކުނޑިގެ މައްސަލައެއް ހުންނަ މީހެއް ކަމަށް ބުނެ އެވެ.

"ވީ ނިއުސް" އަށް އަލީ ސޯލިހު ވިދާޅުވީ އޭނަ އަށް ހަމަލާ ދިނީ ދަރިފުޅު ލާފައި ނުކުމެގެން ސައިކަލުގައި ދަނިކޮށް، ހުޅުމާލޭ ސޮނީ ފިހާރަ ކައިރިން ކަމަށެވެ. ހަމަލާ ދީފައި ވަނީ ސަރުކާރުގެ މަގާމެއްގައި ހުރި މީހަކަށް ވާތީ ކަމަށް ބުނެ އެވެ. އޭނާ ވިދާޅުވީ ހަމަލާ ދިން މީހާ އެކަން ކުރީ ސަރުކާރުގެ މީހެއްކަމުން މަރާލަން ޖެހޭނެ ކަމަށް ބުނުމަށް ފަހު އެވެ.
"އަޅުގަނޑާ ދިމާލަށް ބުނީ ކަލޭތީ ސަރުކާރު މީހެއް ނޫން ހެއްޔޭ. އެހެންވީމަ ކަލޭ ޖެހޭނީ ދުއްވާލަންށޭ. މިހާރުން މިހާރަށް މަރައޭ ލާނީ ބުނީ." އޭނާ ވިދާޅުވި އެވެ.
އެހެން ބުނެފައި ފަހުން ހަމަލާ ދިން މީހާ ޤުރުއާނުގެ އާޔަތެއް ވެސް ކީ ކަމަށާއި، އެ އާޔަތުގެ މާނަ ނޭނގޭ ނަމަ މަރާލާނެ ކަމަށް ބުނެ، ކަޓަރަކުން ހަމަލާދޭން ފެށީ މަށް އަލީ ސޯލިހު ވިދާޅުވި އެވެ.
ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފުސީލެއް އޭނާ ހިއްސާއެއްނުކުރައްވަ އެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުން މިހާރު އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވާ އިރު، ހަމަލާދިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.