Last Updated: March 28, 19:01
Thursday, March 28, 2024
ކުޅިވަރު

ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

އަމިއްލަ ދަނޑުގައި 2-1 އިން ލިވަޕޫލް ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މޮޅު މެންޗެސްޓާ ޔުނައިޓެޑުން މިރޭ ހޯދައިފި އެވެ.

މިއީ ލީގުގައި ޔުނައިޓެޑުން ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު މީގެކުރިން ކުޅުނު ދެ މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ. ލިވަޕޫލް ތިން މެޗު ކުޅެފައިވާއިރު އެޓީމަށް އަދި މޮޅެއް ހޯދިފައެއް ނުވެ އެވެ. އެގޮތުން ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން ލިވަޕޫލް ބަލިވެފައިވާއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިއީ 2018 ވަނަ އަހަރަށްފަހު ޔުނައިޓެޑުން ލިވަޕޫލްގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން މިއީ ފާއިތުވި 10 އަހަރުތެރޭ ލިވަޕޫލުން އެންމެ ދަށްކޮށް ލީގު ފެށި ފުރަތަމަ ފަހަރެވެ.

މި މެޗަށް ޔުނައިޓެޑުން ނެރުނު ފުރަތަމަ 11 އިން އެޓީމުގެ ކެޕްޓަން ހެރީ މެގުއާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލޫކް ޝޯ ފަދަ ކުޅުންތެރިންނަށް ފުރުސަތު ދީފައެއް ނުވެ އެވެ. ލިވަޕޫލުން މެޗު ފެށީ އެޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ފަބީނިއޯގެ ބަދަލުގައި ޖޭމްސް މިލްނާ އަރުވައިގެންނެވެ.

ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑްގެ އެންތަނީ އެލާންގާ އަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް ހުހަށް ހުރެ އެލާންގާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ލިވަޕޫލްގެ ގޯލުގެ ދަނޑި އަށެވެ.

އެ ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 16 ވަނަ މިނެޓްގައި ޖޭޑަން ސަންޗޯ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. ސަންޗޯ މި ގޯލް ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާގެ ތެރެއިން އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޭމްސް މިލްނާ ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މި ގޯލަށްފަހު ވެސް ޔުނައިޓެޑުން ދިޔައީ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ކްރިސްޓިއަން އެރިކްސަން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު އެލިސަން ދިފާއުކުރިއިރު މާކަސް ރަޝްފޯޑް ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ޑިފެންޑަރު ވަނީ ދިފާއުކޮށްފަ އެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލިއިރު މެޗުގެ 53 ވަނަ މިނެޓްގައި ރަޝްފޯޑް ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. ޔުނައިޓެޑްގެ އެންތޮނީ މާޝިއަލް ދިން ޕާހަކުން ރަޝްފޯޑް މި ގޯލް ކާމިޔާބުކުރީ މުޅިން ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ޔުނައިޓެޑްގެ ޑިފެންސް ފޫއަޅުވާލަން ލިވަޕޫލަށް މި މެޗުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވިއިރު އެޓީމުގެ ހަމައެކަނި ގޯލް މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. މި ގޯލަށްފަހު ލިވަޕޫލަށް މާ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެ އެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ސައުތްހެމްޓަންއާ އެވެ. ލިވަޕޫލް ނިކުންނާނީ ބޯންމަތްއާ އެވެ.