Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

މެމްބަރުންގެ އަދަދު އިތުރު ނުކުރަން އިސްލާހެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރު ނުކުރަން ގާނޫނުއަސާސީގައި ކަނޑައަޅަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ފޮނުއްވައިފި އެވެ.

މާމިގިލި ދާއިރާގެ މެމްބަރުގެ އިސްލާހުގައިވާ ގޮތުން މަޖިލީހުގެ މެމްބަރުކަށް އޮންނަން ޖެހޭނީ 87 އެވެ. އަދި އެ އަދަދު އިތުރުވިޔަ ނުދިނުމަށްޓަކައި، ގާނޫނުއަސާސީގައި ބުނާ އިދާރީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅައި، އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެންމެ މެމްބަރަކު ކަމަށް ވެސް އިސްލާހުގައި ވެ އެވެ.

މީގެ 14 އަހަރު ކުރިން ފެށިގެން އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީ އިސްލާހުކުރި މަޖިލީހުގެ ރައީސަކަށް ވެސް ކުރެއްވި ގާސިމް ވިދާޅުވީ،ރައްޔިތުންގެ މަޖިލިހުގެ ތިން އިންތިހާބެއް މިހާތަނަށް ބާއްވާފައިވާއިރު، ކޮންމެ ފަހަރަކު ވެސް މެމްބަރުންގެ އަަދަދު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން 2009 ގައި އިންތިހާބުކުރި 17 ވަނަ މަޖިލިހަށް 77 މެމްބަރުން 2014 ގައި 85 އަދި މިހާރު ކުރިއަށް ދާ 19 ވަނަ މަޖިލިހަށް 87 މެމްބަރުން އިންތިހާބުކުރި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ކުރިއަށް އޮތް ތަނަށް ބަލާ އިރު މެމްބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުންދާ ނަމަ އެއީ ރާއްޖެ ކަހަލަ ކުޑަކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލިހަށް މާ ގިނަ މެމްބަރުން ކަމަށާއި އިގުތިސާދީ އަދި އެހެނިހެން ގޮތްގޮތުން ވެސް އެކަން ގޮންޖެހުމަކަށް ވާނެތީ އަދަދު ހިފަހައްޓަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.