Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ހައްލަކީ ރައީސް ސޯލިހު: ރޮޒޭ

ރާއްޖެ އަށް މިހާރު ދިމާވެފައި ހުރި މައްސަލަތަކަށް އޮތް ހައްލަކީ އަނެއްކާ ވެސް ދެވަނަ ދައުރަކަށް މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބުކުރުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

އަބަދު ވެސް ރައީސަކަށް ތައުރީފުކުރައްވަމުން ގެންދަވާ މެމްބަރު އާންމުކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރައީސް ސޯލިހަކީ މި ވަގުތަށް ގައުމަށް ބޭނުންވާ ހަމަޖެހުން ގެނެސްދެވޭނެ ހަމައެކަނި ލީޑަރު ކަމަށެވެ.

"އެ މަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް އެކަން ދައްކަވަމުން. ނިމިދިޔަ އެމްޑީޕީގެ ކޮންގްރެސްގެ ކާމިޔާބީ އަކީ ވެސް އެއީ." ރޮޒޭ ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި ކޮންމެ ހަމަނުޖެހުމެއްގެ ތެރެއިން ވެސް ރައީސް ހައްލު ހޯއްދަވަމުން ގެންދެވުމަކީ ރައީސް ކަމަށް އަދިވެސް ރައީސް ސޯލިހު ގެންނަން ޖެހޭ މުހިއްމު އެއް ސަބަބު ކަމަށެވެ.

"އަމާންކަމެއް ނެތި ހަލަބޮލި ކަމެއްގެ ތެރެއިން ގައުމު ތަރައްގީއެއް ނުކުރެވޭނެ." ރޮޒޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތުގައި ބާރެއް އޮތަސް އަނިޔާވެރި ނުވެ، މަޝްވަރާކޮށްގެން ސުލްހަވެރި ނިމުމެއް ގެނެސްދެވޭނެ ހަމައެކަނި ލީޑަރަކީ ވެސް ރައީސް ސޯލިހު ކަމަށެވެ.

"ރާއްޖޭގައި މި ވަގުތު މިއޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ބޭނުން ވަނީ [އަނެއްކާ ވެސް] ރައީސް ސޯލިހު." ރޮޒޭ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް އިއުލާންކޮށްފައިވާ އިރު، އެމްޑީޕީން ބުނި ގޮތުގައި ރިޔާސީ ޓިކެޓަށް ޕްރައިމަރީއެއް ބާއްވާނެ އެވެ.