އައްޑޫގެ އަވަށްތަކުގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ރޭވުންތެރިން ކަމެއް ނެތި ރައްޔިތުންނަށް ވަރަށް ތުރާވާ ގޮތަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު ވިދާޅުވީ އިންޑިއާގެ އެފްކޮންސް އިން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތަށް އައްޑު އަށް ގެންގޮސްފައި ތިބީ މަސައްކަތުގެ ހުނަރެއް، އަހުލާގެއް ވެސް ދެކުނު އިންޑިއާގެ އެއްވެސް ތަޖުރިބާއެއް ނެތް ބައެއް ކަމަށެވެ.
"ދެކުނު އިންޑިއާ އިން މީސްމީހުން ގެނެސް އަޅާލާފަ އެކަން އެ ކުރަނީ." ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މީހުންގެ މަސައްކަތުގެ އަހުލާގެއް ނެތް މިންވަރަކީ މަސައްކަތަށް ބޭނުންވާ ސިމެންތި ފަދަ އެއްޗެހި ބޮލުގައި އަޅައިގެން ތިބޭ ހެލްމެޓަށް ގެށުމާއި މެންދުރު ގަޑީގައި އެ އެއްޗެހި ދޮވެލައިގެން އެ އެއްޗިއްސަށް ބަތާއި ރިހަ ވެސް މޮޑެގެން ކެއުމެވެ.
ސައީދު ވިދާޅުވި ގޮތުގައި އޭނަ އަށް އެކަން ފާހަގަކުރަނީ މިދިޔަ މަހުގެ ތެރޭގައި އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. އަދި އެއީ ހަދައިގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި އެކަން އައްޑޫ ރައްޔިތުންނަށް އެނގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މި ހަދަނީ ދޮގުތޯ ބަލަން މި މަޖިލީހުގެ ބަޔަކު ވެސް ފޮނުވަންވީ ނޫންތޯ" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އެފްކޮންސް އިން މަގުތައް މަގުތައް ހަދަން ވެސް ކޮންނަނީ ހިތަށް އެރި ގޮތަކަށެވެ. މީގެ ސަބަބުން ގޭގެއިން މީހުންނަށް ގެއަށް ވަނުމާއި ނުކުތުމަށް ވެސް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮޑު ކުންފުންޏަކުން މިފަދަ މަސައްކަތްތައް ކުރާ އިރު ކުރަން ވާނީ ކުރަން ޖެހޭ އުސޫލުން ރަނގަޅަށް ކަމަށެވެ. ނަމަވެސް އިންޑިއާ ފަދަ ރާއްޖެ އަށް އަތްގަދަކުރަން އުޅޭ ގައުމަކުން މަޝްރޫއުތައް ހިންގަމުން ދަނީ ނަމަކަށް ކަމަށް ސައީދު ވިދާޅުވި އެވެ.
އޭގެ ހެއްކަކީ ރާއްޖޭގެ ފަރުތަކަށް ވެސް ގެއްލުން ދެމުން ގެންދިއުން ކަމަށް ވިދާޅުވި އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތާ މެދު މޭޔަރު އަލީ ނިޒާރު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވީ މަސައްކަތުގެ ފެންވަރާއި މަސައްކަތް ކުރަމުންދާ ގޮތުގެ ޝަކުވާ ބޮޑު ކަމަށެވެ. އަދި ކައުންސިލުން ތަކުރާރުކޮށް އެ ޝަކުވާތައް ހައުސިން މިނިސްޓްރީއާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްލެއް ނުލިބި މި މަސައްކަތް ނިމޭ އިރު މި މަގުތައް އައްޑޫ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ނިޒާރު ވިދާޅުވި އެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ އިންޑިއާ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ ގައުމުގެ އެފްކޮންސް އިންފްރާސްޓަކްޗަ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ވެސް ގާއިމުކުރާނެ އެވެ. މަގުތައް ހަދާ އިރު، ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވާ އެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހަދާނެ އެވެ.