Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

އަލީ އަށް ހަމަލާދިން މީހާގެ ބަންދަށް 15 ދުވަސް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ތަރުޖަމާނު އަލީ ސޯލިހަށް ހަމަލާދިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ހުޅުމާލޭ މެޖިސްޓްރޭޓުން ކޯޓުން ބަންދަށް މުއްދަތު ޖަހައި ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މީހާ އަކީ މިދިޔަ މަހު މާލޭ ސަލްމާން މިސްކިތަށް ހުކުރު ދުވަހެއްގައި ހުކުރު ގަޑީގައި ވަދެ، މިންބަރަށް އަރައި ހަޅޭއް ވެސް ލެވި މީހާ އެވެ.

އެ ދުވަހު އޭނާ ހައްޔަރުކުރި ނަމަވެސް ހަމަ އެ ދުވަހު ދޫކޮށްލީ ނަފުސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް ބުނެ އެވެ.

އޭނާ އިއްޔެ އަލީ އަށް ކަޓަރަކުން ހަމަލާދިނީ ހުޅުމާލޭގައި މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އަލީ އަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުވެފައިވާ އިރު އޭގައި ފެންނަނީ، އަލީ ސައިކަލްގައި ދަނިކޮށް ހުއްޓުވައި މާރާމާރީ ހިންގައި، ކަރަށް ކަޓަރުން ހަމަލާދޭން އުޅޭ ތަނެކެވެ އަދި ސަލާމަތްވާން އަލީ ސައިކަލު ދޫކޮށްލައްވައި ދުވެވަޑައިގަންނަވާ ތަން ވެސް ފެނެ އެވެ.

މި ހާދިސާގައި އަލީ ޒަހަމްވި ނަމަވެސް ސީރިއަސް ގެއްލުމެއްވެފައެއް ނުވެ އެވެ. ހަމަލާދިން މީހާ ފުލުހުން ހައްޔަރުކުރީ ހަމަލާދިންތާ މާ ގިނައިރުތަކެއް ނުވަނީހެވެ.