Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ގާސިމްގެ އިސްލާހަށް ނަޝީދު ތާއީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިތުރުނުކުރަން ގާނޫނުއަސާސީގައި ކަނޑައަޅަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާމަޑް މަޖިލީހުގެ ރައީސް ނަޝީދު ތާއީދުކުރައްވައިފި އެވެ.

މާމިގިލީ މެމްބަރުގެ އިސްލާހާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ އެ އިސްލާހަކީ ވަރަށް މުހިއްމު އިސްލާހެއް ކަމަށެވެ.

"މަޖިލިސް އެކުލެވިގެންވާ ގޮތާއި މަޖިލިސްގެ ދައުރާ ބެހޭ ގޮތުން ވެސް [ގާސިމްގެ] ވިސްނުން ވަރަށް ބޭނުންތެރި." ނަޝީދު ވިދާޅުވި އެވެ.

ގާސިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދަކަށް އޮންނަން ޖެހޭނީ 87 ކަމަށެވެ. އަދި އެ އަދަދު އިތުރުވިޔަ ނުދިނުމަށްޓަކައި، ގާނޫނުއަސާސީގައި ބުނާ އިދާރީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅައި، އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެންމެ މެމްބަރަކު ކަމަށް ވެސް އިސްލާހުގައިވެ އެވެ.

މީގެ 14 އަހަރު ކުރިން ފެށިގެން އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީ އިސްލާހުކުރި މަޖިލީހުގެ ރައީސަކަށް ވެސް ކުރެއްވި ގާސިމް ވިދާޅުވީ،ރައްޔިތުންގެ މަޖިލިހުގެ ތިން އިންތިހާބެއް މިހާތަނަށް ބާއްވާފައިވާއިރު، ކޮންމެ ފަހަރަކު ވެސް މެމްބަރުންގެ އަަދަދު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން 2009 ގައި އިންތިހާބުކުރި 17 ވަނަ މަޖިލިހަށް 77 މެމްބަރުން 2014 ގައި 85 އަދި މިހާރު ކުރިއަށް ދާ 19 ވަނަ މަޖިލިހަށް 87 މެމްބަރުން އިންތިހާބުކުރި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ކުރިއަށް އޮތް ތަނަށް ބަލާ އިރު މެމްބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުންދާ ނަމަ އެއީ ރާއްޖެ ކަހަލަ ކުޑަކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލިހަށް މާ ގިނަ މެމްބަރުން ކަމަށާއި އިގުތިސާދީ އަދި އެހެނިހެން ގޮތްގޮތުން ވެސް އެކަން ގޮންޖެހުމަކަށް ވާނެތީ އަދަދު ހިފަހައްޓަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި މިހާރު ވާ ގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބުކުރަން ޖެހެ އެވެ.