Last Updated: July 23, 17:52
Thursday, July 23, 2026
ދުނިޔެ

ނަޖީބަށް އިސްތިއުނާފު ކާމިޔާބު ނުވެ، 12 އަހަރަށް ޖަލަށް

ކޮރަޕްޝަންގެ ދައުވާތަށް މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އެންމެ މަތީ ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ނަޖީބަށް އިސްތިއުނާފް ކާމިޔާބު ނުވުމުން ކޯޓުން ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ވަގުތުން ތަންފީޒުކުރަން ފަށަން އަންގާފަ އެވެ.

ކޯޓުން ހުކުމް އިއްވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ނަޖީބު ވިދާޅުވީ އޭނާ އަކީ ނާއިންސާފުގެ ޝިކާއަރަކަށް ވެފައިވާ މީހެއް ކަމަށާއި އޭނާއާ މެދު ޖުޑިޝަރީން އަމަލުކޮށްފައިވަނީ ނާއިންސާފުން ކަމަށެވެ. ނަޖީބް ވަނީ އިސްތިއުނާފީ މައްސަލައަށް އޭނާގެ އާ ވަކީލުންނަށް ތައްޔާރުވާން ދެ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް މީގެކުރިން އެދިފަ އެވެ.

ނަޖީބް ،69، ގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް 2020 ވަނަ އަހަރު އިއްވީ މެލޭޝިއާގެ ދައުލަތުގެ އިންވެސްޓްމެންޓް ފަންޑު 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން އޭނާގެ މައްޗަށް އުފުލި އަމާނާތައް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން އާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހަތް ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ.

ނަޖީބަށް އިއްވި ހުކުމް ތަންފީޒުނުކޮށް މިހާތަނަށް މަޑުޖައްސާލާފައިވަނީ ކަފާލާތުގެ ދަށުންނާއި ކޯޓުތަކުގައި ހުކުމް އިސްތިއުނާފް ކޮށްފައިވާތީ އެވެ.

މި މައްސަލައިގެ އިތުރުން ވެސް ނަޖީބުގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާފައިވެ އެވެ.