Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމަށް މިއުވާން މުހައްމަދު ހަމަޖައްސަވައިފިއެވެ.

މިއުވާން އެ މަގާމަށް ހަމަޖައްސަވާފައިވަނީ، އެ މަގާމުގައި ހުންނެވި މަބްރޫކް އަޒީޒް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް އޮފީހުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ ރައީސް އޮފީހާއި ސަރުކާރަށް މަބްރޫކް ކޮށްދެއްވީ އިހްލާސްތެރި މަސައްކަތްތަކެއް ކަމަށާއި، އެ ތައުރީފް ހައްގު މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިއުވާން މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައެވެ. ފޮރިން މިނިސްޓްރީގައި ހުންނަވާ މިއުވާންވަނީ އެކި ގައުމުތަކުގައި ހިނގާދާ ކަންކަމުގައި އެ ގައުމުތަކުގައި ތިބޭ ދިވެހިންނާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގައި މީޑިއާތަކާ ވަރަށް ގާތުން މަސައްކަތް ކުރައްވާފައެވެ. އެގޮތުން ކޮވިޑް-19ގައި ދިވެހިން ރާއްޖެގެނައުމުގެ ކަންކަމުގައިވެސް އަދި ޔޫކްރެއިން ހަނގުރާމަފެށުނުއިރު ދިވެހިން ރާއްޖެ ގެނައުމުގެ ކަންކަމުގައިވެސް މީޑިއާތަކަށް މައުލޫމާތު ދިނުމުގައި ވަރަށް ގާތުން މިއުވާން މަސައްކަތް ކުރައްވާފައިވެއެވެ.