Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ޝަހީމްގެ ފާޑުކިޔުން: "ފެންނަނީ އާއިލީ ބޭފުޅުން އެއާޕޯޓް އަޅާތަން"

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް - ފޮޓޯ: މަޖިލިސް

ވެލައްވާފައިވާ ވައުދުތައް ނުފުއްދަވާކަމަށާއި، ފެންނަނީ އާއިލާގެ ބޭފުޅުންގެ ތަންތަނުގައި އެއާޕޯޓް އަޅާތަންކަމަށް ވިދާޅުވެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ސަރުކާރަަށް ފާޑުވިދާޅުވެއްޖެއެވެ.

ފ. ނިލަންދޫ ނަރުދަމާ ނިޒާމުގެ ރަނގަޅުކޮށްދިނުމަށް ގޮވާލައި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު ހުށަހެޅުއްވި ގަރާރަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިސަރުކާރުން ރާއްޖެގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމު ކުރެވޭނެކަން އިއުލާނުކޮށް އެމަގުން މަސައްކަތް ކުރަމުން ގެންދާތީ އުފާކުރާ ކަމަށެވެ.

މިހާރު އިވެމުން އަންނަނީ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައްޔާރުވަމުން އަންނަ ވާހަކަކަން ފާހަގަކޮށް ޝަހީމް ވިދާޅުވީ، ދެވަނަ ދައުރެއްގެ ވާހަކަ ދައްކާއިރު ފުރަތަމަ ދައުރުގައި ވައުދުވީ ކަންކަމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ވައުދުވެފައިހުރި ކަންކަން ނުފުއްދި ދެވަނަ ދައުރެއްގެ ވާހަކަ ދެއްކުމަކީ ކަންބޮޑުވާ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ބިލެއްފަހީ ރައްޔިތުން އުންމީދު ކުރަމުންއައީ ދަތުރުފަތުރުގެ ފަސޭހަގޮތެއް ގާއިމުވެފައި އޮތުމަށް ކަމަށާއި، އެގޮތުން މިސަރުކާރުގައި އެ ރަށުގައި އެއާޕޯޓެއް އެޅޭނެކަމުގެ އުންމީދުގައި އެރަށުގެ ރައްޔިތުން ތިބިކަމަށެވެ.

"އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ، ވައުދުވީ ކަންކަން ބަހައްޓާ ވައުދުނުވެ ހުރި އާއިލާގެ ބޭފުޅުންގެ އެއާޕޯޓްތައް އެލީގެންދާ މަންޒަރު." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ވައުދުވެފައި ހުރި ކަންކަން ބެހެއްޓުމަށްފަހު ވައުދުނުވެ އަދި ބަޖެޓްގައިވެސް ނެތްކަންކަމުގެ މަސައްކަތާ ދިމާލަށް މިސްރާބުޖެހުމުން އެ ވާހަކަ ދެއްކޭނެ ކަމަށެވެ. އެހެންކަމުން ދަވަނަ ދައުރެއްގެ ވާހަކަ ދައްކާއިރު އެކަންކަމާ ފުންކޮށް ވިސްނަންޖެހޭނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.