މޯލްޑިވްސް ޕޮލިސް ސާވިސްއިން އައްޑޫގައި ދެމުންދާ ހިދްމަތަކީ ނަމޫނާ ހިދްމަތެއް ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 81 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސޯބެ ވިދާޅުވީ ފުލުހުންގެ ފަރާތުން އައްޑުގެ ރައްޔިތުންނަށް ލިބެމުންދާ ހިދްމަތްތަކަކީ ވަރަށް ފުރިހަމައަށް ލިބެމުންދާ ނަމޫނާ ހިދްމަތްތަކެއް ކަމަށެވެ.
އަދި ފުލުހުންނަށް އައްޑޫ ސިޓީ ކައުންސިލުން ބޭނުންވާ ހުރިހާ އެއްބާރުލުމަކާއި، އެހީތެރިކަމެއް ދެއްވާނެކަމަށެވެ.
އައްޑޫއަކީ ޓޫރިސްޓުންނަށް އަމާން ތަނަކަށް ހެދުމަށާއި، މަގުމަތީގެ ޓްރެފިކް ކޮންޓޯރޯލްކޮށް މިހާރު ދިމާވަމުން އަންނަ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް މަސައްކަތް ކުރުމަށް ސޯބެވަނީ އެދިވަޑައިގެން ފައެވެ.
ރޭގެ ބައްދަލުވުމުގައި ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓާރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މިއަހަރު ޓްރެފިކް އެކްސްޓެންޝަން ޕްލޭންއެއް ހަދައި ހައިވޭ ޓްރެފިކް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރާނެކަމަށެވެ.
އަދި ޝިފާން ވަނީ އައްޑޫއަކީ ޓޫރިސްޓުންނަށް އަމާން ތަނަކަށް ހަދައިދޭނެކަމަށް ވިދާޅުވެފައެވެ.
ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ ބައިވެރިވުން ވަނީ ފެނިގެން ގޮސްފައެވެ.