އަންނަ މޭއި މަހު މާލެ އާއި އައްޑޫގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕަށް މުޅި އައްޑޫ ޒީނަތްތެރި ކުރުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
ޗެލެންޖްކަޕްގެ ކަންކަމުގައި ކައުންސިލްގެ ފަރާތުން އިސްވެެ ހަރަކާތްތެރިވާ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް ވިދާޅުވީ ޗެލެންޖް ކަޕަކީ މުޅި އައްޑޫ ދެކުނު އޭޝިއާއަށް އިޝްތިހާރުވެގެންދާނެ އިވެންޓެއްކަމުން އައްޑޫ އަކީ ސާފު ރީތި ތަނެއްގެ ގޮތުގައި ހަދަން ޖެހޭ ކަމަށެވެ.
ޔަސްރިފް ވިދާޅުވީ އައްޑޫ ޒީނަތްތެރި ކުރުމާއި ގުޅޭ ގޮތުން މިހަފްތާ ތެރޭ އައްޑޫގައި ހަރަކާތްތެރިވާ ޖަމިއްޔާ ތަކާއި ބައްދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ތަފާތު މުވައްސަސާ ތަކާއި ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށް ޔަސްރިފް ވިދާޅުވިއެވެ.
ޗެލެންޖް ކަޕްގެ ކުރިން ހިތަދޫ ބޮޑުމަގުން މަސްޖިދުއް ތަގްވާއިން ފެށިގެން މެދެއާރި މަގާއި ހަމައަށް ދެފަރާތުގެ ޕޭވްމަންޓް ހެދި މެދެއާރި މަގު ތާރުއަޅައި ނިންމޭނެކަމަށް ޔަސްރިފް ވިދާޅުވިއެވެ.
ޔަސްރިފް ވިދާޅުވީ ހިތަދޫގެ ބޮޑުމަގުގައި ގަސްމުށި ބަހައްޓައި ރީތި މާގަސް އިންދުމުގެ މަސައްކަތް ސިޓީ ކައުންސިލާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ގުޅިގެން ކުރިއަށް ގެންދާކަމަށެވެ. އަދި މިމަކަމަށް އާއްމު ރައްޔިތުންގެ ބައިވެރިވުން ބޭނުން ކަމަށް ޔަސްރިފް ވިދާޅުވިއެވެ.
އޭއެފްސީ ޗެލެންޖް ކަޕްގައި ކުޅޭ ގްރޫޕް ބީގެ ހަތަރު ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ހެރެތެރެ ރިސޯޓްގައިއެވެ. އަދި ޓީމްތައް އައްޑޫއަށް އަންނަ ވަގުތު މަރްހަބާ ކިއުމާއި ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަމާއި ގުޅޭ ގޮތުން ކައުންސިލާއި އެފްއޭއެމްއާއި ދެމެދު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ޔަސްރިފް ވިދާޅުވިއެވެ.
އައްޑޫއަކީ ރީތި އަމާން ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި އައްޑޫގެ ރައްޔިތުންގެ ފުރިހަމަ ތާއިދު ލިބޭނެކަމަށް ޔަސްރިފް ވިދާޅުވިއެވެ.