އައްޑޫގައި އޭއެފްސީ ޗެލެންޗް ކަޕް ބާއްވާއިރު މީދޫ ޒުވާނުންގެ ވަރުގަދަ އަޒުމެއް އެބައޮތެވެ. އެއީ މި މުބާރާތުގައި ކުޅޭ ޓީމްތަކުގެ ޕްރެކްޓިސް ބޭއްވޭ ފެންވަރަށް މީދޫ ދަނޑު ތަރައްޤީ ކުރުމެވެ.
ފުޓްބޯޅަ އާއި ވޮލީއަށް މަޝްހޫރު މީދޫ ޒުވާނުން އިސް ނެގީ ދަނޑު ތައްޔާރުކޮށް އޭއެފްސީ ގަބޫލް ކުރާ މިންގަޑަށް ދަނޑުގެ ވިނަ ގަޑާއި، ޗޭންޖިން ރޫމް ތައްޔާރު ކުރުމަށެވެ.
ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު، ދަނޑުގެ ވިނަ ނެތް ތަންތަނުގައި ވިނަ ޖަހައި، ފެންދިނުމުގެ މަސައްކަތް ކުރަނީ ފޫހިކަމެއް ނެތިއެވެ. ޒުވާނުން ބުނާ ގޮތުން އެމީހުން ބޭނުމީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކަށް މި ފުޓްބޯޅަ ދަނޑު ހެދުމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ޒުވާނުން އެކުވެގެން މި ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރަން. އެމަސައްކަތުގައި އަޅުގަނޑުމެން މިދަނީ ކުރިއަށް، އިރާދަ ކުރެއްވިއްޔާ މިދަނޑުގައި ބޭރުގެ ޓީމްތައް ޕްރެކްޓިސް ކުރާނެ" މަސައްކަތުގައި އަވަދިނެތި އުޅުނު ޒުވާނަކު ބުންޏެވެ.
މީދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަށް ޒުވާނުން އިސްވެ ކުރަމުންދާ މަސައްކަތަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ ޝުކުރު ދަންނަވާފައެވެ. މަލީހް ވިދާޅުވީ މީދޫ ޒުވާނުންގެ ފަރާތުން ފެންނަ އިސްނެގުމާއި، ޖޯޝް އަކީ ވަރަށް އުފާވެރި މަންޒަރެއްކަމަށެވެ.

މަލީހް ވިދާޅުވީ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ހެރެތެރެ ރިސޯޓްގައި ތިބުމަށް ހަމަޖެހިފައިވުމުން މީދޫ ދަނޑު ރަނގަޅު ފެންވަރަކަށް ހެދިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ދަނޑުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނުން ބުނީ މިކަމަށް ޒުވާނުން ކިތަންމެ އިސްވެ މަސައްކަތް ކުރި ނަމަވެސް ސަރުކާރުން ބޮޑު އެއްބާރު ލުމެއް ލިބެންޖެހޭ ކަމަށެވެ. އެގޮތުން ދަނޑުގެ ވިނަ ކޮށާ މެޝިނާއި، ދަނޑުގެ ބިންގަޑު އެއްވަރުު ކުރާނެ މެޝިން ބޭނުންވާ ކަމަށެވެ. އަދި އެކަމަށް މިނިސްޓްރީން އެހީވެދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
މީދޫގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ ކަމެއްގައި އިސްނަގާފައިވަނީ ރަށުގެ ޒުވާނުންނެވެ. އެންމެ ފުރަތަމަ ދަނޑު ހެދުމަށް އެސަރަހައްދު ކޮށާ، އެތަނުގައި ތިބި ބޮޑެތި ގަސްތައް މުލުން ލުހެ ނަގާފައިވަނީވެސް ރަށުގެ ޒުވާނުންނެވެ. މީގެ 15 ވަރަަކށް އަހަރު ކުރިން މީދޫ ޒުވާނުން ކުޅެމުން ދިޔަ ފުޓްބޯޅަ ދަނޑު ސިއްހީ މަރުކަޒާއި އަތޮޅު މަދަރަސާ ބޮޑުކުރުމަށް ނެގުމާއި ގުޅިގެން ރަށު އޮފީހުން ދެއްކި "ވަލަށް" ޒުވާނުން ވަނީ ހުސްއަތާއެވެ.
އެކަމަކު މިއަދު މީދޫ ބޯޅަ ދަނޑަކީ ސަރުކާރުން ބޮޑު ހަރަދުކޮށްގެން ހަދާ ހިތަދޫ ޒޯން ސްޓޭޑިއަމް ފިޔަވައި އައްޑޫގައި އޮތް އެންމެ ރީތި ދަނޑެވެ. ދަނޑުގެ ވަށައިގެން ޓްރެކް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ދަނޑު ހިމެނޭ ސަރަހައްދުގައި ކުޅިވަރު އެރީނާ ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ.
ޒުވާނުންގެ ބަހަކީ ދެން މިކަން ހުއްޓާލާނީ ރާއްޖޭގެ ނަމޫނާ ދަނޑަކަށް މީދޫ ބޯޅަ ދަނޑު ހެދުމަށް ފަހު ކަމަށެވެ.

