Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

ޔޫރަޕްގެ މޮޅު ކުޅުންތެރިޔަކީ ބެންޒެމާ

މިިދިޔަ ސީޒަނުގެ ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާ އަށް ލިބިއްޖެ އެވެ.

މި އެވޯޑް ފްރާންސަށް އުފަން ބެންޒެމާ ހޯދީ ރެއާލްގެ ގޯލްކީޕަރު ތިބޯ ކޯޓުއާ އަދި މެންޗެސްޓަރ ސިޓީގެ ކެވިން ޑިބްރޭނާއާ ވާދަކޮށެވެ.

މި އެވޯޑް ބެންޒެމާ ކާމިޔާބު ކުރިއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި ރެއާލަށް ސްޕެނިޝް ލީގު އަދި ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ރެއާލަށް ކުޅުނު 46 މެޗުގައި 44 ގޯލު ކާމިޔާބުކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ބާސެލޯނާގެ ކެޕްޓަން އެލެކްސިއާ ޕުޓެއާސް އެވެ. މިދިޔަ ސީޒަނުގެ އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ކާމިޔާބުކުރިއިރު، އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ އަންހެނުންގެ ޔޫރޯ އިންގްލޭންޑަށް ކާމިޔާބުކޮށްދިން ސެރީނާ ވީގްމަން އެވެ.

މީގެއިތުރުން ޔުއެފާ ރައީސް އެލެގްޒެންޑާ ސެފެރިންގެ އެވޯޑް ލިބުނީ އިޓަލީގެ އަރިގޯ ސާޗީ އަށެވެ.