Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮކްޓޯބަރުގައި

އަންނަ އަހަަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ޓިކެޓަށް ބާއްވާ ޕްރައިމަރީގެ ތައްޔާރީތައް މިހާރު ކުރިއަށް ދިޔަ ނަމަވެސް ޕްރައިމަރީ ބާއްވާނެ ސީދާ ތާރީހެއް އަދި ހާމައެއްނުކުރެ އެވެ. މިކަމާ ބެހޭ ގޮތުން އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ ޕްރައިމަރީ ބާއްވާނެ ތާރީހެއް މާ ލަސްތަކެއް ނުކޮށް، ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވައިލާނެ ކަމަށެވެ.

އެ ޕާޓީން ބުނި ގޮތުގައި ޕްރައިމަރީ ބާއްވައި، ޓިކެޓް ލިބޭ ކެންޑިޑޭޓާ އެކީ ރަސްމީކޮށް ރިޔާސީ އިންތިހާބުގެ ކެމްޕޭންތައް ވަރަށް ފޯރީގައި ކުރިއަށް ގެންދާނެ އެވެ.

އެމްޑީޕީފެ ފަރާތުން ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެ ކަމަށް މިހާތަނަށް ވިދާޅުވެފައިވާ ހަމައެކަނި ބޭފުޅަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް މި އަހަރުގެ ކުރީކޮޅު އެކަން އިއުލާންކުރައްވައި ވިދާޅުވީ އެ މަނިކުފާނު އެމްޑީޕީގެ ފަރާތުން ވާދަކުރައްވައިފި ނަމަ އިންތިހާބު ކާމިޔާބުކުރަން ފަަސޭހަވާނެ ކަމަށެވެ.

ނަމަވެސް މިހާރު "ދެ ފެކްޝަނެއް" އޮތް އެމްޑީޕީގެ ތެރޭގައި ވަނީ ޕްރައިމަރީއަކާ ނުލައި ރައީސަށް ޓިކެޓް ދިނުމާ މެދު ހިޔާލު ތަފާތުވެފަ އެވެ.