ރަޝިއާ އިން ގާއިމުކޮށްފައިވާ ނިއުކްލިއާ ޕްލާންޓްތަކުން އުފައްދާ ހަތަކައިން މިހާރު ވެސް ގައުމުގެ ކަރަންޓް ހިދުމަތުގެ 40 ޕަސަންޓް ބަރޯސާވާ ހަންގޭރީގަައި ރަޝިއާގެ އިތުރު ނިއުކްލިއާ ޕްލާންޓްތަކެއް ގާއިމުކުރަން ނިންމައިފި އެވެ.
މިކަން އިއުލާންކުރައްވައި ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓާ ޒިޖާޓޯ ވިދާޅުވީ ރަޝިއާ އިން ކުރިން ވެސް ނިއުކްލިއާ ޕްލާންޓްތަކެއް ގާއިމުކޮށްފައުވާ ހަންގޭރީގެ ޕަކްސްގައި އާ ދެ ޕްލާންޓް ގާއިމުކުރުމުގެ އަމަލީ މަަސައްކަތް ހަފުތާތަކެއްގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޝިއާ ސަރުކާރުގެ ހަކަތަ ކުންފުނި، ރޮސަޓަމް އިން އަލަށް ގާއިމުކުރާ ދެ ޕްލާންޓާ އެކީ މިހާރު، ހަންހޭރީގައި އުފައްދާ ހަކަތައިގެ މިންވަރު ދެގުނަވެގެން ދާނެ އެވެ.
"މިއީ އަނެއްކާ ވެސް ތާރީހީ މަސައްކަތްތަކަށް ވާނެ. އަދި މިއީ ކުރިއަށް އެޅޭ މުހިއްމު ފިޔަވަޅެއް ވެސް މެ،" ފޮރިން މިނިސްޓަރު ފޭސްބުކްގައި އާންމުކުރެއްވި ވީޑިއޯ ޕޯސްޓެއްގައި ވިދާޅުވި އެވެ. "އެހެންވީމާ ހިނގާ މިކަން ފަށަމާ."
އޭނާ ވިދާޅުވި ގޮތުގައި މިކަމަަކީ ރަޝިއާ އާއި ހަންގޭރީއާ ދެމެދު އޮންނަ ގުޅުން ވެސް އިތުރަށް ބަދަހި ވެގެންދާނެ ކަމެކެވެ. އަދި އިތުރު ނިއުކްލިއާ ޕްލާންޓްތަކެއް ރަޝިއާ އިން ހަންގޭރީގައި ހަދަން ނިންމި މައިގަނޑު ސަބަބަކީ ރައްޔިތުންނަށް އެއްވެސް ދައްޗަކާ ނުލައި އަގު ވެސް ހެޔޮކޮށް އަބަދު ވެސް ހަކަތަ ލިބޭނެ ގޮތް ފަހިކޮށް ދިނުން ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ދެހާސް ތިރީހުގައި މަސައްކަތް އެއްކޮށް ނިންމައިލަން ހަމަޖެހިފައިވާ އާ ދެ ނިއުކްލިއާ ޕްލާންޓް މަޝްރޫއަށް 12.4 ބިލިއަން ޑޮލަރު ހޭދަކުރެ އެވެ. މީގެ ތެރެއިން ބޮޑު ބައި ހޭދަކުރަނީ ސީދާ ރަޝިއާއިންނެވެ.
އާ ނިއުކްލިއާ ޕްލާންޓްތަކެއް ރަޝިއާ އިން ހަންގޭރީގައި ހަދަން ނިންމީ މިކަމާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި 2014 ގައި ހަދާފައިވާ އެއްބަަސްވުމެއްގެ ދަށުންނެވެ.

ފާގަގަކޮށްލެވޭ ކަމަކީ ހަންގޭރީ އަކީ ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް މި އަހަރުގެ ކިރީކޮޅުން ފެށިގެން ކުރަމުންދާ ހަނގުރާމައި އެ ގައުމަށް ވާގިދޭ ވެސް ގައުމެއްކަމެވެ. އީޔޫގެ ގިނަ ގައުމުތަކުން ރަޝިއާ އަށް ދަތިކުރުމުގެ ގޮތުން އެ ގައުމުން ތެލާއި ގޭސް އެތެރެކުރަން ހުއްޓާލި ނަމަވެސް ހަންގޭރީ އެފަދަ ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.