މ. ރަތްމަންދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އ ރަށުގައި ބަނދަރެއް ހައްދަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މ. އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުރުގެ ތެރެއިން މިއަދު ރަތްމަންދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުމުގައި ވާހަކަފުޅު ރައީސް ވިދާޅުވީ މި ސަރުކާރު އައިއިރު، ކުދި ރަށްރަށަށް ވުރެ އާބާދީ ބޮޑު ރަށްތަކަށް ދެވޭ ސަމާލުކަން ބޮޑުވެފައި އޮތަސް
މި ސަރުކާރު އައުމަށް ފަހު، އެއްވެސް ރަށެއް ތަފާތު ނުކޮށް ދިވެހި ކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ރަތްމަންދޫގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާ ގުޅޭ ގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ އެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، ރަތްމަންދު އަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެއް މަޝްރޫއެއްގެ ގޮތުގައި ކުރިޔަށް ގެންދެވުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ. ރަތްމަންދު އަކީ މ.އަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށެވެ.
އެ ރަށުގައި ލަފާފުރުމަށް ހަދާފައިވާ ޖެޓީ ބޭނުން ކުރުމުގައި ގިނަ ދަތިތަކެއް ދިމާވާ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރަތްމަންދޫގައި ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ފެނުގެ މަޝްރޫޢު ޑިސެމްބަރުމަހުގައި ނިމޭ އިރު، ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގައި ނިމޭނެ ކަމަށެވެ. މީގެ އިތުރުން ރަތްމަންދޫގައި ފުޓްސަލް ދަނޑެއް އެޅުމާއި ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ބީލަމުގެ މަރުޙަލާގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރަތްމަންދޫ ފަދަ ރަށްރަށުގެ ޞިއްޙީދާއިރާގެ ތަރައްގީއަށްޓަކައި ދަތުރުފަތުރުގެ ނިޒާމް ވަރަށް މުހިއްމު ކަމަށާއި، ރާއްޖެ ޓްރާންސްޕޯޓް ލިންކު، ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލެވިގެންދާ އިރު، މ. އަތޮޅުގައިވެސް އޭގެ ހިދުމަތް ދެވިގެން ދާނެ ކަމަށެވެ.
ރަތްމަންދު އަކީ، މ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ އާބާދީއެއް އޮތް ރަށެވެ. ރަށުގެ އާބާދީއަކީ 231 އެވެ.