Last Updated: June 29, 21:20
Monday, June 29, 2026

ޝާޑްގެ ކޮމްޕިއުޓަ ލެބެއް ހުޅުދޫ ސްކޫލަށް!

ހުޅުދޫ ސްކޫލްގައި އަމިއްލަ ހަރަދުގައި ކޮމްޕިއުޓަރ ލެބެއް އެޕްރީލް މަހުގެ ތެރޭ ގާއިމްކޮށް ދެއްވާނެ ކަމަށް އެ ދާއިރާ އަށް އަލަށް އިންތިހާބްވި މުހައްމަދު ޝާހިދު (ޝާޑް) ވިދާޅުވެއްޖެ އެވެ.

"އައްޑޫ ލައިވް" އާ ވާހަކަ ދައްކަވަމުން ޝާޑް ވިދާޅުވީ މިހަފްތާ ތެރޭ ހުޅުދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ދަތުރުގައި ހުޅުދޫ ސްކޫލްގައި ކޮމްޕިއުޓަރ ލެބް ގާއިމްކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ޝާޑް ވިދާޅުވީ ހުޅުދޫ ސްކޫލްގެ ވަށާ ފާރުގެ ކުލަ ލުމާއި، ސްކޫލްގެ ވޯލްކްވޭ ހެދުމުގެ މަސައްކަތްވެސް މިފަހަރު ކުރައްވާނެކަމަށެވެ.

"އަޅުގަނޑު ނިންމާފައިވާނެ، ސްކޫލްގެ ވޯލްކްވޭ އާއި ވަށާ ފާރުގެ ކުލަލުން އަދި ސްކޫލްގައި ކޮމްޕިއުޓާރ ލެބެއް ގާއިމް ކުރުން. އެކަން މިފަހަރު ރަށައްގޮސް އިރާދަ ކުރެއްވިއްޔާ ފަށާނަން." އޭނާ ވިދާޅުވި އެވެ.

ޝާޑް ވިދާޅުވީ ޕީޕީއެމް ސަރުކާރުން ހުޅުދޫ އަދި މީދޫއަށް ގިނަ ކަން ކަން ކުރުމަށް މިހާރުވެސް ނިންމާފައިވާކަމަށެވެ. އެގޮތުން ހުޅުދޫގައި ބޮޑު މިސްކިތެއް އެޅުމަށް މިހާރުވެސް އިސްލާމިކް މިނިސްޓްރީ އާއި އެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

"މިސަރުކާރުން ހުޅުމީދޫއަށް ގިނަ ކަންކަން ކޮށްދޭނެ، މަގާއި، ފެނާއި ނަރުދަމާ، ބަނަދރުގެ ކަންކަން ނިމޭނެ، އަދި ހެރެތެރެ ހިންގަން ފެށޭނެ"

ޝާޑް ވިދާޅުވީ ހެރެތެރޭގެ ހުރިހާ ކަމެއް ނިމި ވަރަށް އަވަހަށް ހުޅުވިގެންދާނެކަމަށެވެ. އަދި ހެރެތެރެއަށް ނަގާ ގިނަ މުވައްޒަފުންނަކީ ހުޅުމީދޫގެ ރައްޔިތުންކަމަށް ހަދާނެކަމަށެވެ.

ހުޅުދޫ ދާއިރާ މިހާރު ތަމްސީލް ކުރައްވަމުން އަންނަ އިލްޔާސް ލަބީބް ބަލިކޮށް އެދާއިރާ ގޮޑި ކާމިޔާބް ކުރެއްވި ޝާޑްއަކީ ފާއިތުވި ތަނުގައި ހުޅުދޫގެ ކުރިމަގަށް ގިނަ ހޭދަކުރެއްވި ޒުވާނެކެވެ. އެހެންވެ އޭނާއަށް އިންތިހާބްގައި ބޮޑު ސަޕޯޓެއް ވަނީ ލިބިފައެވެ. ހުޅުދޫގެ ގިނަ ރައްޔިތުން ގަބޫލް ކުރާ ގޮތުގައި މި ފަސް އަހަރުގެ ދައުރުގައި ހުޅުދޫއަށް ގިނަ ކަންކަން ވެގެންދާނެއެވެ.