Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

އެންމެ ބޮޑު ނުރައްކަލަކީ އިންޑިއާ: ޝިޔާމް

ރާއްޖެ އަށް މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ އިންޑިއާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރެއްގައި އިއްޔެ އިންޑިއާ އަށް ފުރާވަޑައިގަތުމާ ގުޅިގެން ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ގައުމީ ސަލާމަތަށް މިއަދު އޮތް އެންމެ ބޮޑު ނުރައްކަލަކީ ގައުމުގެ ދާޚހި ދި ހާރިޖީ ކަންކަމަށް އަވަށްޓެރި އިންޑިޔާގެ ނުފޫޒު އިމެއް މިނެއް ނެތި ވަދެފައި އޮތުން ކަމަށެވެ.

"އަދި މިކަމާ ބަހެއް ބުނަން ސަރުކާރު ނުކުޅެދި ހުރިހާ ގޮތަކުން ކަސްތޮޅު އެޅިފައިވާ މިންވަރު." އޭނާ ވިދާޅުވި އެވެ.

ނަޝީދު އިއްޔެ އިންޑިއާ އަށް ވަޑައިގަތުމާ އެކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މިއަދު ވަނީ އެ ގައުމަށް ވަޑައިގެންފަ އެވެ. ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ދަތުރުގައި އިންޑިއާގެ ނައިބު ރައީސާއި ފޮރިން މިނިސްޓަރުގެ އިތުރުން ޔޫއެންސީޓީގެ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

މި ސަރުކާރުން އިންޑިއާ އަށް މާ ބޮޑަށް ބަރޯސާވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުންދެ އެވެ. އެގޮތުން އިންޑިއާގެ ސިފައިންތަކެއް ރާއްޖޭގައި ތިބޭތީ އެކަމާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އިސްކޮށް ހުންނަވައިގެން "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށާފައިވެ އެވެ.