Last Updated: July 23, 16:49
Thursday, July 23, 2026
ދުނިޔެ

ނަމާލްގެ ކްރިޕްޓޯ ކުންފުންޏެއްގެ ވާހަކަ

ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަ ހިއްސާވެގެން ކްރިޕްޓޯކަރަންސީ ކުންފުންޏެއް ހިންގަމުން އަންނަ ކަމަށް ބުނެ ދެކެވޭ ވާހަކަަތައް ދޮގުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރީގެ ރައީސް/ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ހިއްސާވެވަޑައިގެން "އޮންމެކްސް ޑީޓީ" ގެ ނަމުގައި ހިންގާ ކުންފުނިން ކްރިޕްޓޯ މައިންކޮށް، ބިޓްކޮއިނުން ވިޔަފާރީގެ މުއާލަމާތްތައް އަންނަނީ ހިންގަމުންނެވެ. އަދި މި ކުންފުނި އޮޕަރޭޓްކުރަނީ އޮސްޓްރޭލިއާ މެދުވެރިކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.

"އޮންމެކްސް ޑީޓީ" އަކީ ޑިޖިޓަލް ފައިސާ އަށް މީހުން އަހުލުވެރިލުކުރުމާއިއެ ބާވަތުގެ މުއާމަލާތްކުރަން ޕްރޮމޯޓްކުރަން މަސައްކަތްކުރާ ކުންފުންޏެއް ކަަމަށްވެ އެވެ.

އެ ކުންފުންޏާ ނަމާލް، 36، ގުޅުވައިގެން ވާހަކަ ދެކެވޭތީ އޭނަގެ މީޑިއާ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ނަމާލަކީ "އޮންމެކްސް ޑީޓީ" އާ އެއްވެސް ގުޅުމެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ. އަދި އެފަދަ ކްރިޕްޓޯގެ މުއާލަމާތް ހިންގާ ކުންފުންޏަކާ އެއްވެސް ހައިސިއްޔަތަކުން ނަމާލާ ގުޅުމެއް ނެތް ކަމަށް ބުންޏެވެ.

ނަމާލަކީ މި އަހަރުގެ ކުރީކޮޅު ސްރީ ލަންކާގެ ސިޔާސީ މަސްރަހު ހޫނުވެ، ބައްޕާފުޅު މަހިންދަ ވެސް މަގާމުން މެއި މަހުގެ ތެރޭގައި އިސްތިއުފާދެއްވުމުގެ ކުރިން އެޕްރީލް މަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވި ބޭފުޅެކެވެ. ނަމާލަކީ އަބަދު ވެސް ލަންކާގެ ވަރަށް ނުފޫޒު ގަދަ ޒުވާނެކެވެ.