Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުން ނިންމާލައިފި

މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

މި މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު ރޭ ދިއްގަރުގައި ބައްވާފައިވެއެވެ. ދިއްގަރުގައި ބޭއްވި ބައްދަލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންފައިވެއެވެ.

މ. ދިއްގަރަކީ ކޮންމެ އަހަރެއްގެ އިރުވައި މޫސުން ފެށުމާއެކު ހަޅައިގެ އުނދަގޫ ދިމާވާ ރަށެކެވެ. އިރުވައިގެ ހަޅަޖަހަން ފެށުމާއެކު ދިއްގަރުގެ ރަށުތެރޭގައި ލޮނުގަނޑު ބޮޑުވެ، ރައްޔިތުންނަށް ވަރަށްބޮޑު ތަކުލީފަކަށް އެކަން ވެގެންދެއެވެ. އަދި ހަޅަ ނިމޭއިރު އޮންނަނީ ރަށުގެ ގޮނޑުދޮށުން ބޮޑުބައެއް ގިރައިގެން ގޮސްފައެވެ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިފައިވުމާއެކު، ދިއްގަރަށް ދިމާވެފައިވާ ރާޅުއެރުމުގެ މައްސަލައަށް ހައްލު ިލބިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫޢުގެ ދަށުން، 109,566 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، 532 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 235.60 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން ބީޗް ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.