Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

މަހްލޫފްގެ ޝަރީއަތް ކެންސަލް

މިނިސްޓަރު އަހުމަދު މަހުލޫފް- ފޮޓޯ: ރައީސް އޮފީސް

ޔޫތް މިނިސްޓަރު އަހުމަދު މައުލޫފްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ނެންގުމުގެ ދައުވާގައި މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔަ އާންމުކުރި ތާވަލުގައި މަހުލޫފުގެ އަޑުއެހުން ޝެޑިއުލް ކޮށްފައިވަނީ މިއަދު ހެނދުނު 9:00 އަށެވެ.

މަހުލޫފްގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދައުލަތުން އެދިގެން ކަމަށް މައުލޫމާތުލިބެއެވެ. އެއީ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މ. މއަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މަހުލޫފް ބައިވެރިވެވަޑައިގަންނަވާތިއެވެ.

މަހުލޫފަށްކުރާ ރިޝްވަތު ނެންގުމުގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް މީގެކުރިން ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ މައްސަލަ އަލުން ބެލުމަށް އަންގާފައެވެ.

މަހުލޫފަށް ކޮށްފައިވާ ދައުވާގެ ތަފުސީލު

މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ‎މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންއިން ހިންގި ތަޙުޤީޤުގައި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން މަހްލޫފަށް ފައިސާދީފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކުރާ ސަބަބެއްގެ ގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ މަހުލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މީނާއަށް ދިން 33،000 ޑޮލަރު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށެވެ.