Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު ރައީސް ސޯލިހު

ވަކި ރަށެއް، ވަކި ވިސްނުމެއް ބާކީ ނުކުރާނެ: ރައީސް

ފޮޓޯ: ރައީސް އޮފީސް

މިސަރުކާރުގައި ވަކި ރަށެއް އަދި ވަކި ވިސްނުމެއްވެސް ބާކީ ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ މ. ވޭވަށު ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ވެރިކަމާ ހަވާލުވުމަށްފަހު މަގުސަދަކަށްވީ ދިވެހި ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަންޖެހޭނެ ވަސީލަތްތައް ގާއިމުކުރުން ކަމަށާއި، އެގޮތުން ފެނާ ނަރުދަމާގެ މަސައްކަތް އަދި ކަރަންޓުގެ އިތުރުން ލަފާފުރުމުގެ ހިދުމަތްފަދަ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. މިވެރިކަމުގައި އެމަގުން މަސައްކަތްކޮށް، ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އަދި ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މެދުރާއްޖެތެރޭގެ ރަށްތަކަކީ ގިނަ ސަރުކާރުތަކަކުން ބާކީކޮށްފައި އޮންނަ ސަރަހައްދެއް ކަމަށާއި އެކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެހެންނަމަވެސް މިސަރުކާރުން ވަކި ދާއިރާއެއް، ވަކި އަތޮޅެއް، ވަކި ރަށެއް، ވަކި ވިސްނުމެއް ބާކީއެއް ނުކުރާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

މ. ވޭވަށުގައި ވެސް ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، ކުރީ ސަރުކާރުގައި ވޭވަށުގެ ތަރައްގީއަށް ދެމިލިޔަނެއްހާ ރުފިޔާ ހަރަދުކުރިއިރު، މިސަރުކާރުގެ މިވީ ހަތަރު އަހަރުގެ ތެރޭގައި ވޭވަށަށް 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިއްގަރު ދާއިރާގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ މ. ރަތްމަންދޫ، މ. މަޑުއްވަރި އަދި މ. ދިއްގަރަށް ވަޑައިގެންފައެވެ.