މ. ވޭވަށުގައި މިސަރުކާރުން ގާއިމުކުރި ބަނދަރު ރަސްމީކޮށް ހުޅުވައިފިއެވެ.
އެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު މ. ވޭވަށުގައެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންފައިވެއެވެ.
މ. ވޭވަށަކީ މަސްދޯނިފަހަރު ގިނަ އަދަދަކަށް މަސްވިއްކަން އަންނަ ރަށެއް ކަމަށްވުމާއެކު، މީމު އަތޮޅާއި އެ އަތޮޅު ކައިރީގައިވާ އެހެނިހެން އަތޮޅުތަކުގެ މަސްވެރިންނަށްވެސް، މިބަނދަރުގެ ފަސޭހަކަން ލިބޭނެއެވެ. އަދި މަސްވެރިކަމުގެ ސިނާއަތުން ވޭވަށުގެ އިޤްތިޞާދަށް ލިބެމުންދާ ނަފާ އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ވޭވަށު ބަނދަރުގެ މަޝްރޫއުގެ ދަށުން، 15,875 ކިއު ިބކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 294 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 373 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 1470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ނިމިފައިވެއެވެ.
ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 48.46 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.