Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ވޭވަށު އާ އިންޖީނުގެއިން ދައްޗެއް ނެތި ކަރަންޓް ދެވޭނެ

ފޮޓޯ: ރައީސް އޮފީސް

މ. ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުއިންޖީނުގެއާއެކު ދުރުމުސްތަޤްބަލަކަށް ކަރަންޓުގެ ޚިދުމަތް އެއްވެސް ދަތިކަމެއްނެތި އެރަށަށް ފޯރުކޮށްދެވެމުންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މ. ވޭވަށު އާ އިންޖީނުގެ ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ، ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުން ބަލައިގެންފައިވާ މިންވަރުގެ ހެއްކެއްގެ ގޮތުން ރާއްޖޭގެ ބޮޑު ބައެއްގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލްތަކުން އެކުންފުންޏާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އައިސްޕްލާޓްގެ ޚިދުމަތް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރިއަށް އޮތް ސެޕްޓެންބަރުމަހުގެ ތެރޭގައި އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރެވިގެން ދާނެކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވާނެކަމަށެވެ.

ވޭވަށުގައި ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެއަކީ، މީގެ 29 އަހަރުކުރިންފެށިގެން ބޭނުން ކުރަމުން އައި އިންޖީނުގެއެކެވެ. އަދި އިންޖީނުގެ ހުރީ ރަށުގައި މީހުންދިރިއުޅޭ ގެތަކުގެ ތެރޭގައި ކަމަށް ވުމާއިއެކު އެކަމުގެ ސަބަބުން އާންމުރައްޔިތުންނަށް ގިނަ އުނދަގޫތަކެއް ދިޔައީ ކުރިމަތިވަމުންނެވެ.

ފެނަކަ ކޯޕަރޭޝަނުން އަލަށް ހުޅުވި އިންޖީނުގެއަކީ، 208 ސްކެއާ މީޓަރު ބޮޑު އިންޖީނުގެއެކެވެ. މި އިންޖީނުގޭގައި 4 މުވައްޒަފުން އަދި އޮފީސް އިމާރާތުގައި 25 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގަ ހުރެއެވެ. ކުރިން ހުރި އިންޖީނުގޭގެ ކެޕޭސިޓީއަކީ 368ކިލޯވޮޓް ނަމަވެސް އަލަށް މިހުޅުވުނު އިންޖީނުގެ ޑިޒައިންކޮށްފައި ވަނީ 400 ކިލޯވޮޓް ގެ 3 ޖެންސެޓް ބަހައްޓައި ޚިދުމަތްދެވޭނެ ގޮތަށެވެ. އަލަށް މިހުޅުވުނު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 448ކިލޯވޮޓްއެވެ.