އެމްޑީޕީއަށް ވޯޓުދޭތާ 15 އަހަރުވީއިރު ވެސް އައްޑޫ ސިޓީގެ އިޖުތިމާއީ ހާލަތު ބަދަލުވެފައި ނުވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވެފައިމިވަނީ އައްޑޫގެ މަސްތުވާތަކެތީގެ މައްސަލަ ހައްލުނުވާތީ އެކަމުގެ ކަންބޮޑުވުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.
އުމަރު މިއަދު ވިދާޅުވީ އައްޑޫ އަކީ މާލެ ފިޔަވާ، މަސްތުވާއެއްޗެހި އެންމެ ބޮޑަށް ފެތުރިފައިވާ އަތޮޅު ކަމަށާއި އަދި ވަޒީފާ ވެސް އެންމެ މަދު އަތޮޅު ކަމަށެވެ. އޭގެ ސަބަބުން ވައްކަން ކުރުމާ، މާރާމާރީ އާއި މި ނޫންވެސް އެތަށް ކަމަކަށް މަގުފަހިވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެމްޑީޕީ އެދޭގޮތަށް 15އަހަރު ވަންދެން ވޯޓު ދިންއިރު ވެސް ބަދަލެއްނައި ކަމަށް އުމަރު ވިދާޅުވި އެވެ.
"ތުރުކީގެ ހަރުބަހެއް ގައި އޮވެއެވެ. ޖަންގަލީގައި ހުރި ގަސްތައްދަނީ މަދުވަމުންނެވެ. ނަމަވެސް ގަސްތައް ވޯޓުދެނީ ފުރޯއަށެވެ. އެހެނީ ފުރޯ ގަސްތަކަށް ވިސްނާދީފައިވަނީ، އޭނާގެ މުއްގަޑު ހަދާފައިވަނީ ލަކުޑިން ކަމަށްވާތީ އޭނާއަކީ ގަސްތަކުގެ މީހާކަމަށެވެ.'" އުމަރު ވިދާޅުވި އެވެ.
ނިޒާރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލެއް ނުލިބި، ރާއްޖެ ހަލާކުވެ ނިމެނީ ކަމަށާއި މިކަމުގައި މުޅި ދައުލަތް ފެއިލްވެފައިވާ ކަމަށެވެ.
"ރައްޔިތުން ގޮތް ހުސްވެ ގާނޫނު އަތަށް ނަގަން ފަށައިފި. ހައްލަށް އޮރް ހުރަހެއް ބުނެ ނުދެވޭ. ވީމާ ޒިންމާ ނަގާނެ ބަޔަކު ތިބެން ވާނެ." ނިޒާރު ވިދާޅުވި އެވެ.
ނިޒާރު މިހެން ވިދާޅުވިއިރު މި ސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރުތެރޭ ތިން ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާ ޑްރަގާ ދެކޮޅަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރެވުނީ މި މުއްދަތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.