Last Updated: July 23, 16:49
Thursday, July 23, 2026
ދުނިޔެ

ޕާކިސްތާނުން އެއް ދުވަސްތެރޭ 119 މަރު

ޕާކިސްތާނުގައި ފެންބޮޑުވެ އެއް ދުވަސްތެރޭ 119 މީހުން މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނީ ޖޫން މަހުން ފެށިގެން ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1،033 އަށް އަރާފައިވާ ކަމަށެވެ. އޭގެތެރެއިން 119 މީހުން މަރުވެފައިވަނީ ފާއިތުވި 24 ގަޑިއިރުތެރޭގައި ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

ފެންބޮޑުވުމުގެ ހާދިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހައިބަރް ޕަހްތުންވާ ޕްރޮވިންސަށެވެ. އެގޮތުން އެ ޕްރޮވިންސްގައި ހާލުގައި ޖެހުނު ކޮންމެ އާއިލާއަކަށް 25،000 ރުޕީސް ދިނުމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވަނީ ނިންމަވާފަ އެވެ.

ޝެހްބާޒް ވިދާޅުވީ ފެންބޮޑުވުމުގެ އަސަރު 33 މިލިއަަން މީހުންނަށް ކޮށްފައިވާ ކަމަށެވެ. އެއީ ޕާކިސްތާނުގެ އާބާދީގެ 15 ޕަސެންޓެވެ.

ޕާކިސްތާނުން ބައިނަލްއަގްވާމީ އެހީއަށް އެދިފައިވާއިރު ޕާކިސްތާން ސަރުކާރުން އަންނަނީ ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ.