މ. މުލި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.
ދިއްގަރު ދާއިރާގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހް މިވަގުތު މުލީގައި ހުންނެވިއިރު، މުލި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައިވެއެވެ.
މ. މުލި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫ އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 2021 ފެބްރުއަރީ 28 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މ. މުލި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.