ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި އިތުރުވަމުން ދާތީ، މި މައްސަލަ ތަހައްމަލުކުރަން ޖެހިފައިވާ ރައްޔިތުންނަށް އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ދަށުން ބޭސްފަރުވާގެ ފުރުޞަތުތައް މިހާރަށް ވުރެ ފުޅާކޮށް، ފަސޭހަކުރުމަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
މީކާއިލް ހުށަހެޅުއްވި ޤަރާރުގައި ވިދާޅުވެފައިވަނީ ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދެވޭ ބައެއް އަސާސީ ފެންވަރުގެ ބޭސް ވެސް ރާއްޖޭގެ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ސްކީމް (އާސަންދަ)ގެ ދަށުން ނުލިބޭ ކަމަށެވެ. އަދި ދަރިމައިނުވުމުގެ މައްސަލައަށް ހާއްސަ ކުރެވިފައިވާ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައިވާ ކަމަށާއި، މި މައިގަނޑު މައްސަލައާ ގުޅޭ އެއްވެސް ރަނގަޅު ފެންވަރެއްގެ ދިރާސާއެއް ނުވަތަ ތަފާސް ހިސާބެއް ނެތްކަމަށެވެ.
މީގެއިތުރުން ދަރިމައިނުވުމުގެ މައްސަލައަށް ބޭނުން ކުރާ ބައެއް އަސާސީ ފެންވަރުގެ ބޭސްތައް ފަސޭހައިން ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ފަދަ ކުރު ރާސްތާގައި އެޅޭނެ އަވަސް ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލާފައިވެއެވެ.
މިގަރާރުގެ ބަހުސް މިއަދު ފަށާފައިވާއިރު މެމްބަރުން އަންނަނީ މި ގަރާރަށް ތާއީދުކޮށް ވާހަކަ ދައްކަވަމުންނެވެ.