Last Updated: July 23, 16:49
Thursday, July 23, 2026
ދުނިޔެ

ލަންކާގެ ނަރުހުން ވަޒީފާތަކަށް ޔޫކޭ އަށް

ސްރީ ލަންކާގެ ނަރުހުން ވަޒީފާ އަށް އިނގިރޭސިވިލާތަށް ފޮނުވުމުގެ ޕްރޮގްރާމެއް ސަރުކާރުން ފަށައިފި އެވެ.

ރަސްމީ ތަމްރީނު ހޯދާފައިވާ ލަންކާގެ ނަރުހުން އިނގިރޭސިވިލާތުގައި ވަޒީފާ އަދާކުރަން ފޮނުވަނީ ލަންކާގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސެސް (އައިއައިއެޗްއެސް) އާއި ލަންޑަނުގައި ހުންނަ ލަންކާ އެމްބަސީ ގުޅިގެންނެވެ. އެގޮތުން ފުރަތަމަ ބެޗްގައި ފޮނުވާ ނަރުހުންނާ އެކަމުގެ ލިޔުން ވެސް މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

މިކަމާ ބެހޭ ގޮތުން ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ ވިދާޅުވީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ ސިއްހީ ހިދުމަތް އެންމެ ރަނގަޅު ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާރުގައި މަސައްކަތްކޮށް، އިތުރު ތަޖުރިބާ ހޯދުން ވާނީ ލަންކާގެ ނަރުހުންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ވެސް މިހާރަށް ވުރެ ރަނގަޅިުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

"އެ ގައުމުގައި އަހަރެމެންގެ ގައުމު ތަމްސީކުުރަން ނަރުހުން ދިއުމަކީ ފަހުރުވެރި ވެސް ވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. "މިކަމުގެ ސަބަބުން ލަންކާގެ ސިއްހީ ދާއިރާ އަށް އިތުރު ކުރިއެރުމާއި ފުރުސަތުތައް ވެސް ހުޅުވިގެން ދާނެ."

ލަންކާ އިން ފޮނުވާ އިނގިރޭސިވިލާތަށް ފޮނުވާ ނަރުހުން އެ ގައުމުގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާނެ އެވެ.