ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މ. އަތޮޅުގެ ފަސް ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފި އެވެ.
އެ އަތޮޅަށު ކުރެއްވި ދަތުރުފުޅުގައި ރައީސް މިދިޔަ ހޮނިހިރު ދުވަހު އެންމެ ފުރަތަމަ ވަޑައިގެންނެވީ ރަތްމަންދުއަށެވެ. މީގެ އިތުރުން އެއަތޮޅު މަޑުއްވަރީ އާއި ދިއްގަރާއި ވޭވަށުގެ އިތުރުން އެއަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށް، މުއްޔަށް ވެސް އެމަނިކުފާނު ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވެވި އެވެ. އަދި ބައެއްރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރެއްވެވި އެވެ. ރައީސްގެ ދަތުރު ފުޅުގައި ރަށްރަށުގައި ކުރިއަށް ގެންދާ ޢުމުރާނީ ތަރައްގީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ވަނީ ބައްލަވާލައްވާލެއްވި އެވެެ.
މީގެ އިތުރުން ވޭވަށުގެ ބަނދަރާއި އެ ރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެ އާއި އިންޖީނުގޭގެ އޮފީސް ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ. ހަމަ އެއާއެކީ ދިއްގަރުގެ ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި، ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ދިއްގަރު ވެޓެރެންސް ވޮލީ ޓީމާއި މޯލްޑިވްސް ވެޓެރެންސް ވޮލީޓީމު ބައްދަލުކުރި މެޗުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން މޯލްޑިވްސް ވެޓެރެންސް ޓީމަށް ވަނީ ކުޅުއްވައިފަ އެވެ.
ރައީސްގެ ދަތުރުފުޅުގައި އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.