އައްޑޫގައި 160 އަށް ވުރެ ގިނަ ނުރައްކާތެރި ކުށްވެރިން މުޖްތަމައަށް ދޫކޮށްލެވިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރު އޮގަސްޓު މަހުން ފެށިގެން މި އަހަރު މިހާތަނަށް ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭ 160 މީހުން ވަނީ މުޖްތަމައަށް ދޫކޮށްލެވިފަ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި، ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގާ މީހުންނާއި، ވައްކަން ކުރާ މީހުން ހިމެނެ އެވެ.
އެ މީހުންގެ ތެރެއިން ބައެއް މީހުން ދޫކޮށްލާފައި ވަނީ ދައުވާ ކުރެވޭ ވަރަށް ހެކި ނުލިބުމާއި، ބަންދުގައި ބަހައްޓައިގެން ކުރަން ޖެހޭ ހަރަދު ބޮޑުވެގެން ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ބައެއް މީހުން ވަނީ ހުކުމް ތަންފީޒު ވުމުގެ ސަބަބުންވެސް ސަލާމަތްވެފަ އެވެ.
އައްޑޫ ޕޮލިހުން ބުނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އައްޑޫން ހުށަހެޅޭ ކުށުގެ މައްސަލަ އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކުށް މަދު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހިތަދޫގައި ވައްކަމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަ އިތުރުވުމާ ގުޅިގެން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލު ހޯދުމުގައި މުޅި ދައުލަތް ފެއިލްވެފައިވާ ކަމަށެވެ.
ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލެއް ނުލިބި، ރާއްޖެ ހަލާކުވެ ނިމެނީ ކަމަށާއި މިކަމުގައި މުޅި ދައުލަތް ފެއިލްވެފައިވާ ކަމަށެވެ.
"ރައްޔިތުން ގޮތް ހުސްވެ ގާނޫނު އަތަށް ނަގަން ފަށައިފި. ހައްލަށް އޮރް ހުރަހެއް ބުނެ ނުދެވޭ. ވީމާ ޒިންމާ ނަގާނެ ބަޔަކު ތިބެން ވާނެ." ނިޒާރު ވިދާޅުވި އެވެ.
އައްޑޫގައި އަމާން ވެއްޓެއް ގާއިމު ކުރުމާއި ގުޅޭ ގޮތުން މިދިޔަ ހަފުތާގައި އައްޑޫ ކައުންސިލުން ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއާ ބައްދަލުކޮށްފަ އެވެ. ނަމަވެސް ތަފުސީލެއް އައްޑޫ ކައުންސިލުން ހާމައެއް ނުކުރެ އެވެ.