ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވާން އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އިސް ނަގައިގެން ކުރިއަށްގެންދިޔަ ޓެލެތޯނަށް ފަސް ބިލިއަން ރުޕީސް ލިބިއްޖެ އެވެ.
އިމްރާންގެ އިސް ނެގުމަށް އިއްޔެ ކުރިއަށްގެންދިޔަ މި ޓެލެތޯނަށް ފަސް ބިލިއަން ރުޕީސް ލިބުނުއިރު މި ޓެލެތޯން ކުރިއަށް ގެންގޮސްފައިވަނީ ތިން ގަޑިއިރަށެވެ. މި ޓެލެތޯންގައި އިމްރާންގެ އިތުރުން ޕާކިސްތާނުގެ އެކި ފަންނާނުން ބައިވެރިވިއިރު ގައުމުން ބޭރުގައި އުޅޭ ޕާކިސްތާން ރައްޔިތުން ވެސް ވަނީ ޓެލެތޯނަށް ފައިސާ ހަދިޔާކޮށްފަ އެވެ.
پاکستانی عوام کا اپنے کپتان پر بھرپور اعتبار تین گھنٹوں میں 500 کروڑ سے زائد کی رقم سیلاب متاثرین کی مدد کے لیے پلیج کر دی۔#TelethonByImranKhan #عمران_خان_ہماری_ریڈ_لائن pic.twitter.com/LuUxrFPKbP
— PTI (@PTIofficial) August 29, 2022
މި ޓެލެތޯންގައި ވާހަކަދައްކަމުން އިމްރާން ވިދާޅުވީ ޓެލެތޯނަށް ލިބުނު ފައިސާ ހާލުގައި ޖެހުނު މީހުންނަށް ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްދާ ގޮތް ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ. މުޅި ޕާކިސްތާނަށް ފެންބޮޑުވުމުގެ ހާދިސާގެ އަސަރުކޮށްފައިވާ ކަމަށާއި މިކަމުގެ ގެއްލުން 1،000 ބިލިއަން ރުޕީސް އަށް އަރާނެ ކަމަށް ބެލެވޭ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
ޕާކިސްތާނުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނީ ޖޫން މަހުން ފެށިގެން ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
ފެންބޮޑުވުމުގެ ހާދިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހައިބަރް ޕަހްތުންވާ ޕްރޮވިންސަށެވެ. އެގޮތުން އެ ޕްރޮވިންސްގައި ހާލުގައި ޖެހުނު ކޮންމެ އާއިލާއަކަށް 25،000 ރުޕީސް ދިނުމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް ވަނީ ނިންމަވާފަ އެވެ.
ޝެހްބާޒް ވިދާޅުވީ ފެންބޮޑުވުމުގެ އަސަރު 33 މިލިއަަން މީހުންނަށް ކޮށްފައިވާ ކަމަށެވެ. އެއީ ޕާކިސްތާނުގެ އާބާދީގެ 15 ޕަސެންޓެވެ.
ޕާކިސްތާނުން ބައިނަލްއަގްވާމީ އެހީއަށް އެދިފައިވާއިރު އެމެރިކާ، އިނގިރޭސިވިލާތް، ޔޫއޭއީ އަދި ބައެއް އެހެން ގަައުމުތަކުން މިހާތަނަށް ވަނީ އެހީ ފޯރުކޮށްދީފައިވަ އެވެ. ނަމަވެސް އަދިވެސް އިތުރު އެހީ ބޭނުންވާ ކަމަށް ޕާކިސްތާނުގެ އޮފިޝަލުން ބުނެ އެވެ.