އައްޑޫގައި ދަނޑިވެރިކަން ކުރިއެރުމަށާއި އެ މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ތަމްރީނު ދިނުމާ ބެހޭ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި އެގްރިކަލްޗަ މިނިސްޓްރީން މަޝްވަރާތަކެއްކޮށްފި އެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވި އިއްޔެ ކައުންސިލް އިދާރާގަ އެވެ.
ބައްދަލުވުމާ ބެހޭ ގޮތުން ކައުންސިލުން ބުނީ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ގްރޫޕްތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިންގުން ހަރުދަނާކޮށް، އެ މީހުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދީ، ދަނޑުވެރިކަމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެންމެން އެއްބައިވެ މަސައްކަތްކުރުމުގެ ސަޤާފަތެއް އަށަގަންނެވުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
"ދަނޑުވެރިކަމަކީ [އައްޑޫގައި] ނަފާ ލިބޭ މަސައްކަތަކަށް ހެދުމަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވޭ." ކައުންސިލން ބުންޏެވެ.
މިނިސްޓްރީއާ އެކު ކައުންސިލުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ގްލޯބަލް އެގްރިކަލްޗަ އެންޑް ފުޑް ސެކިއުރިޓީ ޕްރޮގްރާމް (ޖީއޭއެފްއެސްޕީ) އާއި އދ، ގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ (އެފްއޭއޯ) އެގްރިކަލްޗަ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ "ސްޓްރެންތަނިންގ އެގްރިބިޒްނަސް ޕްރޮޑިއުސަ އޯގަނައިޒޭޝަންސް އިން މޯލްޑިވްސް ތުރޫ އެންޓަޕްރައިސް އިކޯސިސްޓަމް ޑެވެލޮޕްމަންޓް އެންޑް ޑިޕްލޯއިމަންޓް އޮފް ޑިޖިޓަލް ސޮލިއުޝަންސް" ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއާ ގުޅޭ ގޮތުންނެވެ.
އެގޮތުން އެ މަޝްރޫއާ ގުޅޭ ގޮތުން ކައުންސިލާ މިނިސްޓްރީން މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އެހެންވެ މީގެ ތެރެއިން އައްޑޫގެ ކުރިމަގުގެ ދަނޑުވެރިކަމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
ދަނޑުވެރިކަމަކީ އައްޑޫގައި އާމްދަނީ ހޯދަން ކުރެވިދާނޭ ރަގަޅުމަސައްކަތެކެވެ. ހާއްސަކޮށް ޒުވާނުން ނިކުމެ ކުރަންޖެހިއްޖެ މަސައްކަތެކެވެ. މީ ކުއްޔަނަގާފައިވާ ބިމެއްގައި އަޅުގަޑު އަމިއްލައަށް ކުރަމުން އަންނަ މަސައްކަތެކެވެ. މި ބިމުގައި މަސްކެއްކުމާއި ހިއްކުންވެސް ކުރިއަށްގެންދަމެވެ. pic.twitter.com/yQ1H6iU3kd
— Ali Nizar (@DhekunuNizar) March 29, 2020
އައްޑު އަކީ މާ ފުޅާކޮށް ނޫން ނަމަވެސް ބައެއް އަވަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ ތަނެވެ. އެގޮތުން މީދު އާއި ހުޅުދޫގެ އިތުރުން ހިތަދޫގައި ބައެއް މީހުންނ ދަނޑުވެރިކަން ކުރެ އެވެ.
އައްޑޫގެ މިހާރުގެ މޭޔަރު އަލީ ނިޒާރު ކައުންސިލަށް ވަޑައިގަންނަވަން ކެމްޕޭންކުރެއްވި އިރު، އެންމެ ބޮޑު އެއް ވައުދަކީ ވެސް އައްޑޫގެ ދަނޑުވެރިކަން ކުރިއަރުން މަސައްކަތްތަކެއްކުރުމެވެ. އެކަމަކު އަދި މިހާތަނަށް އެ ދާއިރާ އިން ފާހަގަކޮށްލެވޭ މާ ބޮޑު މަސައްކަތްތަކެއް ކައުންސިލުން ކޮށްފައެއް ނެތެވެ.