ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް ދާއިރާ އަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މީހުންގެ ޑޭޓާބެހޭ އެކުލަވާލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.
ރާއްޖެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ވެސް ވެފައިވާ އެކަމާ ވެސް ގުޅުވައިގެން އެކުލަވާލަން ނިންމި ޑޭޓާބޭހުގައި ފާއިތުވި 30 އަހަރު އެކި ދާއިރާތަކުން ޓޫރިޒަމަށް ހިދުމަތްކުރި މީހުންގެ މައުލާތު އެއްކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން އެފަދަ ހިދުމަތް ތެރިންނާ ބެހޭ މައުލޫމާތު ހިއްސާކޮށްދޭން އާންމުންނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.
އެކަމަށް ހާއްސަ ފޯމެއް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފަ އެވެ. އޮންލައިންކޮށް މި ލިންކް https://form.jotform.com/222401314277446 ފޯމް ފިލްކޮށްލެވޭނެ އެވެ. އެ ފޯމް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 4 އާ ހަމައަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ދާއިރާ އަށް ހިދުމަތްކޮށްފައި ތިބި އަދި ހިދުމަތުގައި ދެމިތިބި މީހުންނާއި ފާހަގަކޮށްލެވޭ ކުރިއެރުމެއް އެ ދާއިރާ އަށް ގެނައުމަށް އެހީތެރިވި ފަރާތްތަކުގެ މައުލޫމާތު ވެސް ބޭނުންވެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަކުރަން ތަފާތު އެކި ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ފެށުމަކީ 1972 އެވެ. އެ ދާއިރާ މިހާރު ވެފައި އޮތީ ރާއްޖޭގެ އިގުތިސާދު މައި ތަނބުގެ ގޮތުގަ އެވެ. އަދި ރާއްޖެ އަކީ ޓޫރިޒަމް ދާއިރާ އިން ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ގައުމެވެ.