ޕާކިސްތާނަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން މިހާތަނަށް ލިބުނު ގެއްލުން ފައިސާ އިން އަންދާޒާކުރާ ނަމަ މަދުވެގެން 10 ބިލިއަން ޑޮލަރަށް އަރާ ކަމަށް އެ ގައުމުގެ ޕްލޭނިން މިނިސްޓަރު އަހުސަން އިބްގާލް ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނުގައި ފެންބޮޑުވެ އެތައް ބަޔަކު، އެތައް ބަޔަކު ހާލުގައި ޖެހިފައިވާ އިރު، ދެކުނު އޭޝިއާގެ މި ގައުމު ފާހަގަކުރެވެނީ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރަމުންދާ ނޭދެވޭ އަސަރުތައް މިހާރު އެންމެ ބޮޑު އެއް ގައުމުގެ ގޮތުގަ އެވެ.
ޕާކިސްތާން "ފެނު އަޑީގައި" އޮތް އިރު، އެ ގައުމު ވަނީ ބައިނަލްއަގްވާމީ ދުނިޔޭގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ. އެގޮތުން އިއްޔެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ޕާކިސްތާނަށް އެހީގެ ގޮތުގައި 1.1 ބިލިއަން ޑޮލަރު ދީފަ އެވެ.
Pakistan floods cost at least $10 bln – planning minister | Reuters https://t.co/6zJz1HxuOW
— Ahsan Iqbal (@betterpakistan) August 29, 2022
ޕްލޭނިން މިނިސްޓަރު ރޮއިޓާސް އަށް ވިދާޅުވީ ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން މިހާތަނަށް ބެލިބެލުމުން ލިބުނު ގެއްލުމަށް މަދުވެގެން 10 ބިލިއަން ޑޮލަރު އަރާ ކަމަށް ދެއްކި ނަމަވެސް އެ އަދަދު އެއަށް ވުރެ ބޮޑުވާނެ ކަމަށެވެ.
"ހާލަތު އޮތް ގޮތާއި ޕާކިސްތާނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކީ އެ އަދަދު ބޮޑުތަނުން އުފުލޭނެ ވެސް މެ." މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން ގިނަ އަދަދެއްގެ ދަނޑުބިންތައް ވެސް ހަލާކުވެފައިވާތީ ކުރިއަށް އޮތީ ޕާކިސްތާނަށް ކާބޯތަކެއްޗަށް ވެސް ޖެހުމުގެ ބިރެވެ. އަދި ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އެކަން ތަޖުރިބާކުރެވެން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ޕާކިސްތާނަށް މިހާރު ދިމާވެފައި އޮތް ފެންބޮޑުމުގެ ހާދިސާތަކަކީ 2010 ގެ ފަހުން ކުރިމަތިވި މިފަދަ އެންމެ ބޮޑު ހާދިސާ އެވެ. އޭރު ފެންބޮޑުވުމުގެ ހާދިސާތަކުގައި 2،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
މި ފަހަރުގެ ފެންބޮޑުވުމުގެ ހާދިސާތަކުގައި މިހާތަނަށް 1،130 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، މީގެ އަސަރު އާބާދީގެ 33 މިލިއަނަށް ވުރެ ގިނަ ނުވަތަ އާބާދީގެ 15 ޕަސެންޓަށް ވުރެ ބޮޑު ބަޔަކަށްކޮށްފައިވެ އެވެ.