Last Updated: July 23, 16:49
Thursday, July 23, 2026
ވިޔަފާރި

އިންޑިއާގެ 5ޖީ އަށް 25 ބިލިއަން ޑޮލަރު

އިންޑިއާ އަށް 5ޖީގެ ލޯންޗްކުރަން 25 ބިލިއަން ޑޮލަރު ހޭދަކުރަން އެ ގައުމުގެ މަޝްހޫރު މަހުޖަނު މުކޭޝް އަމްބާނީ ނިންމަވައިފި އެވެ.

ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު އަހަރީ ޖަލްސާގައި އަމްބާނީ ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ދުނިޔޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އަދި ހަލުވި ސްޕީޑެއްގައި ކުރިއެރުންތައް ހޯދަމުން އަންނަ ގައުމަށް 5ޖީ ލޯންޗްކުރާނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހިދުމަތް ދޭން ފަށާނީ މުމްބާއީ އާއި ނިއު ދިއްލީ ފަދަ ބޮޑެތި ސިޓީތަކަށް ކަމަށް ވިދާޅުވި އެވެ.

އަމްބާނީ ވިދާޅުވީ ބޮޑެތި ސިޓީތަކަށް 5ޖީ ލޯންޗްކުރުމަށް ފަހު، ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގެ އެކި ސާބުތަކަށް ހިދުމަތް ފުޅާކުރަމުން ދާނެ އެކަމަށެވެ. އަދި އިންޑިއާގެ 5ޖީ ނެޓްވޯކް 2023 ގެ ޑިސެމްބަރަށް ފުރިހަމަވެގެންދާ އިރު، އެ ވާނީ ދުނިޔޭގެ އެންމެ ބޮޑު 5ޖީ ނެޓްވޯކަށް ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނޭ އަމްބާނީ އަކީ އިންޑިއާގެ މަޝްހޫރު މުވާސަލަތީ ކުންފުންޏެއް ކަމަށްވާ ޖިއޯ ހިންގާ ރިލައިންސް ގްރޫޕްގެ ވެރިޔާ އެވެ.

ޖިއޯ އިން އަންނަނީ ގޫގުލްއާ ގުޅިގެން 5ޖީ ސްމާޓްފޯނު ނެރުމަށް ވެސް މަސައްކަތްކުރަމުންނެވެ. އަމާޒަކީ ހުރިހާ ފަންތިއެއްގެ ގިންތީގެ ބަޔަކު އަތްފޯރާ އަގުގެ ފޯނެއް ގެނެސްދިނުމެވެ. މި ވަގުތު އިންޑިއާގައި އެންމެ އަގުހެޔޮކޮށް ލިބޭ 5ޖީ ފޯނުގެ އެވްރެޖް އަގަކީ ގާތްގަނޑަކަށް 150 ޑޮލަރެވެ.