މި މަހު އެމްޑީޕީގެ ކޮންގްރެސް މާލޭގެ ސޯޝަލް ސެންޓަރުގައި ބާއްވަން އެތައް ކުއްޔަށް ދީގެން ޔޫތު މިނިސްޓްރީ އަށް ކުލީގެ ގޮތުގައި 500،000ރ. ލިބުނު ކަމަށް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ޔޫތު މިނިސްޓްރީ އަށް ކަނޑައެޅި ބަޖެޓް ހުސްވުމާ ގުޅިގެން، ކުރިން އެތަނުގެ ދަށުން ހިލޭ ދޫކުރަމުން އައި ތަންތަން މިހާރު ކުއްޔަށްދޭ ކަމަށް ބުނެ ނޫހަކުން ގެނެސްދިން ޚަބަރަކާ ގުޅިގެން ރައްދު ދެއްވައި މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ދެއްވި ބަޖެޓުން އަހަރު ނިމުނު އިރު 200 މިލިއަން ރުފިޔާ ބާކީކުރުމުން، އޭގެ ފަހުން ބަޖެޓު ކުޑަކުރެއްވި ކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެން މި ތިބީ ފަތުއަޑުކިޔާފައި މަސައްކަތުގައި. ބަޖެޓު ހުސްވީމާ އިތުރަށް ބޭނުންވާ ފައިސާ ވެސް ލިބިއްޖެ." އޭނާ ވިދާޅުވި އެވެ.
ކުއްޔަށް ތަންތަން ދީގެން ފައިސާ ހޯދާކަން ދިފާއުކޮށް މިނިސްޓަރު ވިދާޅުވި އެމްޑީޕީގެ ކޮންގްރެސް ބާއްވަން ސޯޝަލް ސެންޓަރު ދީގެން ބަޖެޓަށް 500،000ރ. ވަން ކަމަށެވެ. އަދި އެވަރު މަދުތޯ ސުވާލުކުރައްވާފައިވެ އެވެ.
"MDP ކޮންގްރެސްގެ ކުއްޔަށް ފަސްލައްކަ ލިބުނު. ގޯސް؟" މަހުލޫފް ވިދާޅުވި އެވެ.
އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ބޭއްވީ މި މަހުގެ 19-21 އަށެވެ.