Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

މާލޭ ސްކޫލްތަކަށް 1500 ދަރިވަރުން ބަދަލުވި: މިނިސްޓަރު

މިނިސްޓަރު ޑރ. އައިޝަތު އަލީ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަހަރު އެކަނިވެސް 1500 އަށްވުރެއް ގިނަ ދަރިވަރުން ރަށްރަށުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ވަނީ ރަށްރަށުގައި ސްކޫލްތަކުގެ ދަރިވަރުންގެ އަދަދު މަދުވަން މެދުވެރިވާ ސަބަބާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، މިފަހަރު މާލޭ ސްކޫލުތަކަށް ދަރިވަރުން ވެއްދިއިރު، ހާއްސަކޮށް ހުޅުމާލެ ސްކޫލުތަކަށް އަތޮޅުތެރެއިން ގިނަ އަދަދަކަށް އާ ކުދިން ވަނުމަށް ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް 1500 އެއްހާ ކުދިން އަތޮޅުތަކުން މާލޭ ސްކޫލްތަކަށް ބަދަލުވެފައި އެބަހުރި. ލަފާކުރެވެނީ ހިޔާ ފްލެޓަށް ބަދަލުވި އާއިލާތަކޭ. އެހެންވީމަ މައިގްރޭޓް ކުރުމުގެ އިޝޫވެސް އެބަ އުޅޭ ރަށްރަށުން ކުދިން މަދުވުމާ." މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރުގެ މި ޖަވާބާ ގުޅިގެން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ އާބާދީގެގޮތުން ދަރިވަރުން މަދުވަމުން އަންނަ ސްކޫލްތަކަށް އޭލެވެލް އަދި މަތީ ގްރޭޑްތަކަށް ކިޔެވޭނެ ގޮތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ޕްލޭނެއް ގެންގުޅޭތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސެޓަލައިޓް ނިޒާމުން ސްކޫލްތަކަށް މަތީ ގްރޭޑްތައް ތައާރަފުކުރެވުމުން ބަޖެޓަށް އަންނާނެ ނަތީޖާ ދެނެގަތުމާ ގުޅޭގޮތުން ދިރާސާއެއް ތައްޔާރު ކުރަމުން އަންނަކަމަށެވެ. އަދި އެކުދިންނަށްވެސް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ ކަމަށް މިނިސްތަރު އައިޝަތު އަލީ ވިދާޅުވިއެވެ.