Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ލިވާތުގެ އަދަބަކީ މަރު: ޒައިދު

ލިވާތު ނުވަތަ އެއްޖިންސުން ގުޅުން ހިންގާކަން ސާބިތުވެއްޖެ މީހަކަށް އިސްލާމް ދީނުގައި އޮތް ހުކުމަކީ މަރު ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މި ފަހުން ފެންމަތި މިފަދަ މައްސަލަތަކާ ގުޅިގެން ދައުވާކުރި ބައެއްގެ މީހުން ޝަރީއަތްތައް ވެސް ފަށާފައިވާ އިރު، ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނުގައި ވަނީ ދުނިޔެ މަތީގައި އަދަބު ލިބިއްޖެ މީހާ އަށް އާހިރަތުގައި އަމާންވާނެކަން ކަމަށެވެ.

"ކުށަކަށް ދުނިޔޭގައި އަދަބު ލިބުމަކީ އޭނަ އެ ކުށުން ތޯހިރުކޮށްދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ. "އަދި [އެއީ] އެހެން މީހުންނަށް އޮތް އިބުރަތެއް."

ބަންގްލްދޭޝްގެ އެމްޑީ އަލަމްގީރް ކިޔާ ޒުވާނަކާ އެކީ ރާއްޖޭގެ ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކެއް ފެންމަތިވެ، އޭނަ ހިމެނޭ ގޮތަށް މިހާތަނަށް ހަތަރު މީހަކަށް ދައުވާކޮށްފައިވެ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ކުރިން ފުލުހެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއު އެވެ.

އެ މީހުންނާ އެކީ ގުޅުން ހިންގިކަން އަލަމްގީރުގެ އިއުތިރާފާ އެކީ ސާބިތުވެފައިވާތީ އޭނަގެ މައްޗަށް އެ މައްސަލާގައި ހުކުމްކުރަން ހަމަޖެހިފައި ވަނީ މިއަދެވެ.

އެނގިފައިވާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގި އެ މައްސަލައިގައި އަލަމްގީރަށް ދައުވާކުރީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ. އެ ދެ ގާނޫނޫގައި ވެސް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ބަޔާންކޮށްފައިވާ އޮތަސް، އެ ދެ ގާނޫނުގެ ތެރެއިން ލުއި އަދަބެއް ލިބެނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

އެގޮތުން ޖިންސީ ކުށުގެ ގާނޫނުގައި އޮންނަ ގޮތުން ދެ މީހަކު ރުހުމުގައި އެއްޖިންސުން ގުޅުން ހިންގައިފި ނަމަ، އެކަމުގެ އަދަބަކީ 5-7 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި މީހަކު އެހެން މީހެއްގެ ނުރުހުމުގައި އެއްޖިންސުން ގުޅުން ހިންގައިފި ނަމަ، އެކަމުގެ އަދަބެއްގެ ގޮތުގައި އޮންނަނީ 7-10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.