Last Updated: May 7, 19:52
Tuesday, May 7, 2024
ޚަބަރު ގާސިމް އިބްރާހިމް

ދީނަށް ފާޑުކިޔުމުގެ އަދަބު ބޮޑު ކުރަން ހުށަހަޅައިފި

ޤާސިމް އިބްރާހިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިސްލާމް ދީނަށް ފާޑުކިޔައި، އިސްލާމް ދީނާ އިދިކޮޅު އަމަލު ހިންގުމުގެ ކުށުގެ އަދަބު ބޮޑު ކުރުމަށް މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އިސްލާހު ހުށަހަޅުއްވައިފިއެވެ.

ޤާސިމް އިބްރާހިމް އިސްލާހު ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާހު ހުށަހެޅުމަށެވެ.

އެގޮތުން ޤާސިމް އިސްލާހު ހުށަހަޅުއްވާފައިވަނީ އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް ހިންގުމުގެ ކުށަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބަދަލުކުރުމަށެވެ. ޖިނާޔަތުގެ ދަރަޖަ 2 ގެ ދަށުން ދެވޭނެ އަސާސީ އަދަބަކީ 6 އަހަރުގެ ޖަލު ހުކުމެވެ. އަދި ދެވޭނެ އެންމެ ބޮޑު އަދަބަކީ 15 އަހަރުގެ ޖަލު ހުކުމެވެ.

މިހާރު ޤާނޫނުލްޢުޤޫބާތުގައި އޮތްގޮތުން އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް ހިންގުމުގެ ކުށަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ.

ބިލު ހުށަހަޅާ ސަބަބުގެ ގޮތުން ޤާސިމް ވިދާޅުވެފައިވަނީ އިސްލާމް ދީނަށް ފާޑުކިޔާ، އިސްލާމް ދީނާ އިދިކޮޅު އަމަލު ހިންގުމުގެ ކުށުގެ އަދަބުގެ މިންވަރު އިތުރު ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. 

މީގެއިތުރުން ޤާސިމް ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށްވެސް އިސްލާހު ހުށަހަޅާފައެވެ. އެގޮތުން ޤާސިމް ހުށަހަޅާފައިވަނީ ލިވާތު ކުރުމާއި ސިހާޤު ކުރުން ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. މިހާރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ޖިނާއީ ބޮޑު ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12 ކުށެކެވެ.

ޤާސިމް ދެން އިސްލާހު ހުށަހަޅުއްވާފައިވަނި ޤާނޫނުއަސާސީއަށެވެ. ޤާސިމް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 މެމްބަރުން ކަމުގައި ކަނޑައެޅުމަށެވެ. ޤާސިމް ހުށަހަޅުއްވާފައިވަނީ 87 އިންތިހާބީ ދާއިރާ ކަނޑައެޅުމަށްފަހު އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން 1 މެންބަރަކު އިންތިހާބު ކުރުމަށެވެ.