Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

ހަރުކަށި ފިކުރާ ދެކޮޅަށް "ހާއްސަ ފައުޖެއް" އުފައްދަން ހުށަހަޅައިފި

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) - ފޮޓޯ: މަޖިލިސް

ހަރުކަށި ފިކުރާއި ދެކޮޅަށް "ހާއްސަ ފައުޖެއް" އުފެއްދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއެވެ.

ވަހީދު ހުށަހެޅުއްވި މައްސަލައިގައި ވަނީ، މިމަހުގެ 22 ވަނަ ދުވަހު އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު އަލީ ސޯލިހަށް އަމާޒުކޮށް "މިއީ ސަރުކާރުގެ މީހެއް، މަރާލަންޖެހޭ" މިފަދައިން ބުނެ ތޫނު އެއްޗަކުން ހަމަލާދީފައިވާކަން ފާހަގަކޮށްފައެވެ.

ވަހީދުގެ މައްސަލައިގައި ވަނީ، މީހުން މަރަން ފަސްނުޖެހޭ 1400 އެއްހާ މީހުން ރާއްޖޭގައި ތިބިކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި ވާހަކައާއި މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެއްކޮށްފައިވާ މައުލޫމާތުތަކުގައިވެސް ދީނުގެ ނަމުގައި މީހުންނަށް ހަމަލާދީ މަރައި ހެދުމުގެ ރެކޯޑް އޮތް ކިތަންމެ ބަޔަކު ފާހަގަކުރެވިފައިވާކަން ފާހަގަކޮށްފައެވެ.

މިމައްސަލައިގައި ބުނެފައިވަނީ މިފަދަ ކަންކަން ހިންގާ ފަރާތްތަކާއި މިފަދަ ކަންކަމާ ގުޅުންހުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އާ ހިތްވަރަކާއި އާ އިންތިޒާމެއްގެ ދަށުން މި ނުރައްކާތެރިކަން ފިލުވާލައި ރައްޔިތުންނާއި މުޅި މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ސިފައިންނާއި ފުލުހުން އަދި ސަލާމަތީ ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން އެކުލެވޭ ހާއްސަ ފައުޖެއް އުފެއްދުމަށާއި، އެ ފައުޖުގެ ފަރާތުން މިފަދަ ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި މިސްކިތްތަކާއި ތައުލީމުދޭ ތަންތަން ބަލަހައްޓަން ފެށުމަށް ހުށަހަޅާފައިވެއެވެ.

އަދި މީހުންގެ ފުރާނައާއި މުދަލާއި ތަންތަނަށް ގެއްލުންދިނުމާއި، ގެއްލުންދީފާނެ ކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިފައިވާ ފަރާތްތައް އެކަހެރި ކުރުމާއި ރީހިބިލިޓޭޓް ކުރުމުގެ މަސައްކަތް ހިންގުމަށްވެސް ހުށަހަޅާފައިވެއެވެ.

މީގެއިތުރުން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ދީނީ ތައުލީމް ދިނުމާއި ނަސޭހަތް ދިނުމުގެ ކަންކަން ހިނގަނީ އިސްލާމީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ގިނަ އިލްމުވެރިން އިއްތިފާގުވާ މެދުމިނުގެ އިންތިތަކުގެ ތެރޭގައިކަން ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް ވަހީދުގެ މައްސަލައިގައި ބުނެފައިވެއެވެ.